ހުއްދަ ނުނަގައި، ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ދިވެއްސަކާއި ބިދޭސީންތަކެއް ހައްޔަރަށް

ހުއްދަ ނުގައި، ބަނގުރަލުގެ ވިޔަފާރި ކުރަނިކޮށް ހައްޔަރުކުރި ބިދޭސީން: މި މައްސަލައިގައި ދިވެއްސަކު ވެސް ހައްޔަރުކުރި --- ފޮޓޯ/ ފުލުހުން

ހުއްދަ ނުނަގައި، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކާއި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމުލަ ހަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ:

  • ބަންގްލަދޭޝަށް ނިސްބަތްވާ 35 އަހަރުގެ ރަސެލް މިއާ
  • އިންޑިއާގެ ރައްޔިތެއް ކަމަށްވާ 34 އަހަރުގެ އެމްޑީ ޝޭކަރު ހޮސައިން
  • ސްރީލަންކާއަށް ނިސްބަތްވާ 27 އަހަރުގެ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ
  • ލަންކާގެ ރައްޔިތެއް ކަމަށްވާ ތަރަކަ ސަމަން ކުމާރަ ދޭވަ (35އ)
  • ހ. ބިންމަތީއާގެ، 52 އަހަރުގެ މުޙައްމަދު މަނިކު

1.3 މިލިއަން ރުފިޔާގެ ބަނގުރާ ނައްތާލުން: މި މައްސަލައިގައި ގިނަ އަދަދެއްގެ ބަނގުރާ ވަނީ އަތުލައިގެންފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި މައްސަލައިގައި ހިމެނޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާންމުކުރި ނަމަވެސް، މުހައްމަދު މަނިކުގެ ފޮޓޯ އާންމުކޮށްފައެއް ނެތެވެ.

އޭގެއިތުރަށް، ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއް ބަލައިފާސްކުރިއިރު 102 ފުޅި ބަނގުރަލާއި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާގެ ތިން ދުވަހަށް ބަންދުކުރުމަށާއި ޝޭކަރު ހޮސައިނާއި ރަސެލް މިއާ ފަސް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައެވެ. ބާކީ ބިދޭސީންތައް ހަތް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ބިދޭސީން ނުގަވައިދުން ވިޔަފާރި ކުރާ މައްސަލަ ރާއްޖޭގައި ވަނީ، "ހައްދުން ނައްޓާފައެވެ." އެ ފަދަ ވިޔަފާރިތައް އާންމުކޮށް، ބިދޭސީން ކުރަނީ ވިޔަފާރިތަކަށް ދިވެހީން ނަގާފައިވާ ހުއްދައިގެ ދަށުންނެވެ.

އެ ފަދައިން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމުން ދިވެހި ހައެއްކަ ވަކީލުން ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ކަމަށާއި ދިވެހީން ވަޒީފާއަށް ގެންނަ ބިދޭސީން އުޅެނީ ވިޔަފާރިކޮށްގެން، ދިވެހި މީހާ މުވައްޒަފަކަށް ހަދައިގެން ކަމަށް އިމިގްރޭޝަންސްގެ ކޮންޓްރޯލަރު އަހުމަދު ފަސީހް ވަނީ މި ފަހުން ވިދާޅުވެފައެވެ.

https://sun.mv/215500

އެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުުރުމެވެ.

comment ކޮމެންޓް