އިންޑިއާ ސަރުކާރުން ދިން ބޮޑު ލޯނެއްގައި, ވަރަށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް, ޚިދުމަތް ދެމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހަދަންވީ, ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓް ހިންގުމުގެ ވާހަކަ އަނެއްކާވެސް ފެންމަތި ވެގެން މިއުޅެނީ އިންޑިއާގެ ނުފޫޒުގަދަ ނޫހެއް ކަަމަށްވާ "ދަ ހިންދޫ" ގައި ޖެހި ޚަބަރަކާ ގުޅިގެންނެވެ. އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް, އިންޑިއާގެ ކުންފުންޏަކުން ހިންގައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެކަމަށް ހަދަން ޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް, އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ކުރަން ފަށަން ނިންމާފައިވާ ކަމަށް ވެސް ދަ ހިންދޫގައި ވަނީ ބުނެފައެވެ.
ނަމަވެސް މިކަން ދިވެހި ސަރުކާރުން ދޮގު ކުރެއެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު "ސަން" އަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ހިމެނޭހެން ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ބޭރުގެ ބަޔަކާ ހަވާލު ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ. ރާއްޖޭގެ އެއާޕޯޓްތައް ހިންގާނީ ދިވެހި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބަހުސް ބޮޑުވެފައި އޮއްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި, އެ އެއާލައިނާ ގުޅިގެން އެ އެއާޕޯޓް ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑު ވާނެ ކަމަށެވެ.
ހަމައެހެންމެ އެކަން ވާނީ މުޅި ބޮޑު އުތުރުގެ ތަރައްގީއަށް ފަހި ވާނެ ފުރުސަތަކަށް ކަމަށް ވިދާޅުވިއެވެ.
ނަޝީދުގެ އެ ޓްވީޓުގައި ވަކި ގައުމެއް އަދި ވަކި އެއާލައިނެއްގެ ނަން ހިމަނުއްވާފައެއް ނުވެއެވެ.
ނަޝީދުގެ ވެރިކަމުގައި ވަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން, އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރަށް ދީފައެވެ. އެއާއެކު ދިވެހީންގެ ހަރުމުދާ ވިއްކަނީ ކަމަށް ބުނެ އެ ސަރުކާރަށް ސިޔާސީ ގޮތުން ވަރަށް ޕްރެޝަރު ބޮޑުވިއެވެ. ސިފައިންނާއި ފުލުހުން, ޔުނީފޯމުގައި ނުކުމެ ކުރި މުޒާހަރާތަކަކަށް ފަހު ނަޝީދުގެ ވެރިކަން ބަދަލުވުމުން ދެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ވަނީ ޖީއެމްއާރާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރައްވައިފައެވެ. އޭގެ ބަދަލުގައި ދިވެހި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ޖީއެމްއާރަށް ދައްކަން ޖެހުނެވެ.
ހަނިމާދޫ އެއާޕޯޓަށް ބޮޑެތި ފްލައިޓްތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވީނަމަވެސް އަދި ބައިނަލްއަގުވާމީ އެއްވެސް އެއާލައިނަކުން ދަތުރުތަކެއް ނުފަށައެވެ. ދަތުރުތައް ނުފެށިގެން އުޅެނީ އެ ސަރަހައްދުގައި އެ ވަރަށް ޓޫރިސްޓް ބެޑް ނެތުމާއި ވިޔަފާރީގެ މުއާމަލާތްތައް އަދި ދަށްވީމައެވެ.
މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ.
ފަހުން ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. އެގޮތުން، މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގައެވެ.
އެ އެއާޕޯޓުގެ 2،465 މީޓަރު ދިގު ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލްއެއް ވަނީ ތަރައްގީކޮށްފައެވެ.