އާ އަހަރު ފާގަކުރަނިކޮށް ސްވިޒަލޭންޑުގެ ސްކައި ރިސޯޓެއްގައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ

ސްވިޒަލޭންޑުގެ ސްކައި ރިސޯޓުގައި އަލިފާން ރޯވެފައި. ފޮޓޯ/މިރާ

އާ އަހަރު ފާހަގަ ކުރުމަށް ރޭ ސްވިޒަލޭންޑުގެ ސްކައި ރިސޯޓެއްގެ ބާއެއްގައި ޕާޓީއެއް ބާއްވަނިކޮށް އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެއެވެ.

ސްވިޒަލޭންޑްގެ ފުލުހުންނާ ހަވާލާދީ އިޓަލީގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ހާދިސާގައި 40 ވަރަކަށް މީހުން މަރުވެފައިވާކަން އެނގިފައިވާ ކަމަށެވެ. އެ ހާދިސާގައި ގިނަ ބަޔަކު ޒަޚަމް ވެސް ވިއެވެ.

އެ ހާދިސާގައި ޒަޚަމްވި ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް ފްރާންސްގެ ރީޖަނަލް ރީޖަނަލް ކައުންސިލާ މަތީއަސް ރެނާޑް ވިދާޅުވިއެވެ. ޒަޚަމްވި ބައެއް މީހުންނަކީ އެކި ގައުމުތަކުގެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަރުޖަމާން ގެޓަން ލެތިއޯންއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްވިޒަލޭންޑްގެ ހުޅަނގު ދެކުނުގެ ލަގްޒަރީ އަލްޕައިން ސްކީ ރިސޯޓް ޓައުން ކްރެންސް-މޮންޓަނާގެ މެދުގައި އޮންނަ ބާއެއް ކަމަށްވާ ލެ ކޮންސްޓެލޭޝަންގައި އަލިފާން ރޯވީ ރޭ ދަންވަރު 1:30 ހާއިރެވެ.

ސްވިޒަލޭންޑުގެ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައި. ފޮޓޯ/އޭއެފްޕީ

ކްރެންސް-މޮންޓަނާ އަކީ ސްވިޒަލޭންޑްގެ ވެރިރަށް ބާންގެ ދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ ރިސޯޓެކެވެ.

އަލިފާނުގެ ހާދިސާ ހިނގިކަން އެނގުމާއެކު 10 ހެލިކޮޕްޓަރާއި 40 އެމްބިއުލާންސް އަދި 150 މީހުން ހިމެނޭ ޓީމެއް އެ ސަރަހަދަށް ވަނީ ފޮނުވާފައެވެ. ފުލުހުން ބުނީ ޒަހަމްވި ގިނަ މީހުންނަކީ ވަރަށް ބޮޑަށް ފިހިފައިވާ މީހުންނާއެކު ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މީހުން ކަމަށެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް ބެލި ބެލުމުން އެގިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ ހާދިސާތަކަކީ ސްވިޒަލޭންޑްގައި އާންމުކޮށް ހިނގާ ހާދިސާތަކެއް ނޫނެވެ.

comment ކޮމެންޓް