ނުއަގުގައި ޑޮލަރު މާރުކުރުން ހިމެނޭހެން ވީއައިއޭގައި ހުއްދަ ނެތި ދޭ ޚިދުމަތްތަކާއި ވިޔަފާރިތަކަށް ފިޔަވަޅު އަޅަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ވީއައިއޭގައި ހުއްދަ ނެތި ދޭ ޚިދުމަތްތަކާއި ވިޔަފާރިތަކަށް ފިޔަވަޅު އަޅަނީ -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުއްދަ ނެތި އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ދޭނަމަ، ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާނެ އެންމެހާ ކަންކަން ފޯރުކޮށްދިނުމަށްޓަކައި އެކި ވިޔަފާރިތައް ކުރުމާއި، ޚިދުމަތްތައް ދިނުމުގެ ހުއްދަ، ވަކި ޚާއްސަ އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރަނީ އެ ކުންފުނިން ކަމަށެވެ.

އެހެންކަމުން އެ އުސޫލުތަކާއި އެއްބަސްވުންތަކުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެ އެއާޕޯޓުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ވެސް މަނާކަމެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެގޮތުން އެއާޕޯޓުގައި ސިމް ވިއްކުމާއި، ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގެ ހުއްދަ ދޫކުރެވިފައި ވަނީ ކަމާ ގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލްއާއެކު އެފަދަ ޚިދުމަތެއް ދިނުމުގެ އެއްބަސްވުން ހަދާފައިވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން އެފަދަ ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ހުއްދަ ނެތި އިތުރު ފަރާތަކުން ދިނުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްއާއެކު އެއްބަސްވުމެއްގެ ދަށުން އެއާޕޯޓުގައި ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ދޭ ފަރާތަކުން އެ ވިޔަފާރި ނުވަތަ ޚިދުމަތް ދޭންވާނީ އެކަމަށް ކަނޑައެޅިފައިވާ ޖާގައިގެ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހަމައެހެންމެ އެ ތަންތަނުން ޚިދުމަތްދޭ ފަރާތްތަކުން ތިބެން ވާނީ ތަމްސީލުކުރާ ކުންފުނީގެ ޔުނިފޯމް ލައިގެން ނުވަތަ ފާހަގަވާނެ ފާސް ވެސް ހިފައިގެން ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. ހަމައެއާއެކު އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތަނުގެ ނުވަތަ ވަސީލަތުގެ ބޭރުން ނެތް ޚިދުމަތެއް ދިނުމަކީ ވެސް މަނާކަމެކެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި ހުއްދަ ނެތި އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަކުރެވިއްޖެނަމަ، ކަމާ ގުޅޭ ސަލާމަތީ މުއައްސަސާތަކާއެކު އެފަދަ ވިޔަފާރިތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެފަދަ ފިޔަވަޅެއްގެ ސަބަބުން ލިބޭނެ ވިޔަފާރީގެ ގެއްލުމަކަށް ވެސް އެމްއޭސީއެލްއިން އެއްވެސް ޒިންމާއެއް ނުނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފަދައިން ފިޔަވަޅު އަޅަނީ އެއީ ފަތުރުވެރިންނާއި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެއާޕޯޓުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެމްއޭސީއެލްގެ ޒިންމާއަކަށްވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://sun.mv/216045

އެމްއޭސީއެލްއިން އެފަދައިން ބުނެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ވިއްކަން ހުރި ބިދޭސީއެއް ހައްޔަރުކޮށް, އޭނާގެ ބަންދުގެ މުއްދަތު މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރުކޮށްފައެވެ. މި މައްސަލައަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ 20 އަހަރުގެ ފިރިހެނަކު، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި މައްސަލައެކެވެ.

ބަންދު އަމުރުން އެނގޭގޮތުގައި އޭނާ ހުއްޓުވާފައިވަނީ އެއާޕޯޓް ޓާމިނަލް ދޭއްގެ ޑްރޮޕް އޭރިއާގައި ޑޮލަރު މާރުކުރަން އުޅެނިކޮށެވެ. އޭނާގެ އަތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތް ކަމަށް ވެސް އަމުރުގައިވެއެވެ.

އޭނާ މަސައްކަތް ކުރަނީ ކޮންތާކުކަމެއް އަދި އޭނާ ސްޕޮންސަރަކީ ކާކުކަން ބުނެ ނުދެވޭ ކަމަށް އަމުރުގައިވެއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ ރާއްޖޭގައި ޑިމާންޑް ބޮޑު ވިޔަފާރިއަކަށްވާއިރު އެކަން އެންމެ ގިނައިން ކުރާ މީހުންގެ ތެރޭގައި ބިދޭސީން ހިމެނެއެވެ. މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްތައް ކަމަށްވާއިރު ރާއްޖޭން ބޭރަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ދަތުރުކުރަމުންނެވެ. އެހެންވެ ޑޮލަރަށް އޮންނަ ޑިމާންޑް ކުރިއަށް ވުރެން ބޮޑަށް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް