އެމްއޭސީއެލްއިން މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފި، ލީޓަރެއް 1.69 ޑޮލަރަށް

މޯލްޑިވިއަންގެ އޭޓީއާރް 600-42 މަރުކާގެ ބޯޓު: އެމްއޭސީއެލްއިން މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފިއެވެ. މިއީ 42 ޕަސެންޓުގެ ބޮޑުވުމެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައި ދަށްވެ އަގު އުފުލުމަކީ މި ބަދަލު ގެންނަން މަޖުބޫރުވި މައިގަނޑު ސަބަބެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޚަރަދު ބޮޑުވެ، އާންމުންނަށް ކުރާ އަސަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

  • ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކުރުން.
  • މި ބަދަލަކީ 42 ޕަސެންޓުގެ އަގު ބޮޑުވުމެއް ކަމަށް އެމްއޭސީއެލްއިން ކަށަވަރުކޮށްދިނުން.
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުން.
  • އެތެރޭގެ އުދުހުންތަކުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އާންމުންގެ ދަތުރުފަތުރަށް އަސަރުކުރުން.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖެޓް ފިއުލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލް ފަދަ ރިފައިންޑް ފިއުލްގެ ސަޕްލައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްއާ ހަވާލާދީ 'އޭވިއޭޓާސް މޯލްޑިވްސް' އިން ބުނީ ޖެޓް ފިއުލް ލީޓަރެއް ކުރިން ވިއްކާ އަގަކީ 1.19 ޑޮލަރު ކަމަށެވެ. ނަމަވެސް މިހާރު 1.69 ޑޮލަރަށް ޖެޓް ފިއުލް ލީޓަރެއް ވަނީ އަގުބޮޑު ކޮށްފައެވެ. އެއީ 50 ސެންޓްގެ އިތުރުވުމެކެވެ.

އެ އިތުރުވުމާއެކު 42 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއީ ފާއިތުވި އަހަރުތަކުގައި ވެސް ޖެޓް ފިއުލްގެ އަގު އެންމެ ބޮޑުވި ފަހަރު ކަމަށް އޭވިއޭޓާސް މޯލްޑިވްސްއިން ބުންޏެވެ. އޭގެ އަސަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެމްއޭސީއެލްއިން ދަތުރުކުރާ އެއާލައިންތަކަށް ކުރާނެއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އަގު މުރާޖައާ ކުރަން މަޖުބޫރުވީއެވެ.

އެމްއޭސީއެލްއަށް ޖެޓް ފިއުލް ސަޕްލައިކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އެންމެ ގިނައިން އެތެރެކުރަނީ އޮމާނުގެ ރިފައިންޑް ޕެޓްރޯލިއަމް އުފެއްދުންތަކެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލާއި ރިފައިންޑް އުފެއްދުންތަކުގެ އަގު އުފުލެމުންދާއިރު، ރާއްޖެއަށް ދަނީ ސީދާ އަގުތައް އުފުލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ގިނައިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތަކަށް ގަޑިއިރެއްގެ ދަތުރުތަކަށް ގާތްގަނޑަކަށް 750 - 950 ލީޓަރާ ދޭތެރޭ ޖެޓް ފިއުލް ބޭނުންވާނެއެވެ. އޭޓީއާރް ބޯޓެއްގެ ފިއުލް ކެޕޭސިޓީއަކީ 6،200 ލީޓަރާއީ، 6،500 ލީޓަރާ ދެމެދެވެ. އެންމެ ބޮޑެތި ބޮއިން 747 މަރުކާގެ ބޯޓުތަކަށް ވެސް 150،000 ލީޓަރުގެ ޖެޓް ފިއުލް ބޭނުންވާނެއެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކަށްވުރެ ރާއްޖޭގައި ޖެޓް ފިއުލް އަގުބޮޑު ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވަނީ މީގެ ކުރިން އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވިދާޅުވެފައެވެ. އޭގެ ސަބަބުން އެތެރޭގެ އުދުހުންތަކުގެ އަގުވެސް ބޮޑީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ ރައްޔިތުން އަބަދު ވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. ވަކީން ޚާއްސަކޮށް ޢީދު ބަންދާއި ބޮޑު ޗުއްޓީފަދަ ބަންދު ދުވަސްވަރު އެތެރޭގެ އުދުހުންތަކުގެ އަގު އިންތިހާއަށް އަރައިގެން ދާކަން ފާހަގަކޮށްލަންޖެހެއެވެ.

ކުރިއަށް އޮތް ހަފުތާއަކީ ރޯދަމަހުގެ ފަހު ހަފުތާ ކަމަށް ވެފައި، ޢީދު ބަންދަށް އެތައް ބަޔަކު ރަށްރަށަށް ގޮސް އެތެރޭގޭ ދަތުރުތަކަށް އޮންނަ ޑިމާންޑު އިތުރުވާނެއެވެ.

comment ކޮމެންޓް