17 މީހުންނާއި ގިނަ އަދަދެއްގެ މުދަލާއެކީ، ފުވައްމުލަކަށް ދަތުރުކުރި ބޯޓެއް އަޑިއަށް ދަނިކޮށް ސަލާމަތްކޮށްފި

އަޑިއަށް ދަނިކޮށް، ފުލުހުން އެހީވި ހަވާސާ ބޯޓުން މުދާ ބާލަނީ: އެ ދޯނި މިހާރު ވަނީ ފުވައްމުލަކަށް ގެންގޮސްފައި ---- ފޮޓޯ/ ފުލުހުން

ސަތާރަ މީހުންނާ އެކީ، ފުވައްމުލައް ސިޓީއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ދަނިކޮށް، ފުލުހުން މިއަދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ، މާލެއިން ފުރައިގެން ފުވައްމުލަކަށް ދަތުރުކުރަނިކޮށް، "ހަވާސް" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ، މިއަދު 12:21 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާ އެއްކޮށް، އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި މިހާރު ފުވައްމަލަކަށް އެ ބޯޓު ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި، ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ދެމުން ހަވާސް ބޯޓުގެ ކެޕްޓަން އިބްރާހިމް ޝާހު 'ސަން'އަށް ބުނީ، އަޑިއަށް ދާން ފެށީ، ދަތުރުކުރަމުން ދަނިކޮށް، ބޯޓުގެ މަތީ ކަނުން ފައިބާ ކޮށްފައި އިން ހިސާބު ފަޅައިގެން ގޮސްގެން ކަމަށެވެ.

މިއަދު ކަނޑު ވަރަށް ގަދަކަން ފާހަގަކޮށް، ޝާހު ބުނި ގޮތުގައި، އޭރު ފުވައްމުލަކާ ދެމެދު ހުރީ ދިހަ މޭލު ދުރުމިނެވެ.

"އޭރު ޑިއުޓީ ގަޑީގައި ހުރި ކުއްޖާ އަޅުގަނޑު ކައިރީގައި ބުނީ، މިހާރު ދިޔަ އެބަ ބޮޑުވެޔޭ. ބަލައިލިއިރު، [ފައިބާކޮށްފައި އިން ބައި ނައްޓައިގެން ގޮސްފައި] އިންދާ ފެނުނީ," ޝާހު ކިޔައިދިނެވެ.

އޭރު ހުރީ، ބޯޓްގެ އޮޓޯ ޕަންޕު ޖައްސާފައި ކަމަށާއި އާންމުކޮށް ދަތުރު ކުރާއިރު ހުންނަނީ، އެ ޕަންޕު ޖައްސާފައި ކަމަށް ޝާހު ބުންޏެވެ. އަދި، ޖުމުލަ ހަތަރު ޕަންޕު ބޭނުންކޮށްގެން ވެސް ދިޔަ ނުހިއްކުނު ކަމަށާއި އެކަމުގައި ފުލުހުންނާއި އެމްއެންޑީއެެފްގެ އެހީތެރިކަން ލިބުނު ކަން އޭނާ ފާހަގަކުރިއެވެ.

ހަވާސާ ބޯޓު ފުވައްމުލަކުގެ ނެރުން ވަންނަނީ: އެ ބޯޓު މިހާރު ވަނީ ފުވައްމުލަކަށް ގެންގޮސްފައި --- ފޮޓޯ/ ފުލުހުން

އިތުރަށް ކިޔައިދެމުން އޭނާ ބުނީ، ފުވައްމުލަކަށް ދެވެން ދެ މޭލަށް ވީއިރު، ފުލުހުން އިތުރު ޕަންޕެއް ހިފައިގެން އައިސްފި ކަމަށެވެ. މިގޮތުން، އެ ޕަންޕު ބޭނުންކުރަން ފެށުމުން ދިޔަ ކުޑަވާން ފަށައިފި ކަމަށް ޝާހު ބުންޏެވެ.

"އެމްއެންޑީއެފް ލޯންޗު ވެސް [ފުވައްމުލަކަށް ދެވެން] މޭލަކާ ކައިރިވެފައި ވަނިކޮށް, އައީމަ އަޅުގަނޑު ބުނިން ބަނދަރަށް ވަދެވޭނެޔޭ. އެމްއެންޑީއެފުން އައީ އަޅުގަނޑުމެނާ އެކީ ބަނދަރާ ހިސާބަށް," އިތުރަށް އޭނާ ކިޔައިދިނެވެ.

މި ބޯޓުގައި ޖުމުލަ 17 މީހުން މިއަދު ދަތުރުކުރިއެވެ. ކައްޕި ބުނި ގޮތުގައި، އެއީ ހަ ކުރޫއިންނާއި ނުވަ ފަސިންޖަރުންނާއި ކައްޕިއާއި ކޭޝިއަރެވެ. އެއިން އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

މި ބޯޓުން ފަސް މިލިއަނެއްހާ ރުފިޔާގެ މުދާ ގެންދިޔައިރު, ކުޑަ ވެސް ގެއްލުމެއް ލިބުނީ މަދު ކާޑުގެ ބާވަތްތަކަކަށް ކަމަށް ވެސް ޝާހު ބުންޏެވެ.

comment ކޮމެންޓް