މިއަދުން ފެށިގެން ސިޔާސީ ފާޓީތަކުން ވަގުތުން ވަކިވެވޭނެ

ރާއްޖޭގައި ހިންގާ ބައެއް ސިޔާސީ ޕާޓީތައް: ސިޔާސީ ފާޓީތަކުން މިއަދުން ފެށިގެން ވަގުތުން ވަކިވެވޭނެ -- ފޮޓޯ/ އެމްޑީޕީ

ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމާއެކު، ވަގުތުން ޕާޓީން ވަކިވާނޭހެން މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސްފަިއވާ ކަމަށެވެ. އެގޮތުން، މި ބަދަލުތަކަށް މިއަދުން ފެށިގެން އަމަލު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ.

މިހާރު އަމަލުކުރަމުން ގެންދާ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި:

  • ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުން
  • ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން
  • ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފުތަރުން އުނިކުރުމަށް އެދި ހުށަހެޅުން

އީސީން ބުނީ ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓު ޕްރޮސެސްކުރުމަށް، ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި މި މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕްރޮސެސްކޮށްފައި ނުވާނަމަ، އެ މީހަކު ޕާޓީގައި ރަޖިސްޓަރީ ވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އީސީ މައި ޕޯޓަލް އެޕް: މި އެޕުން، ޕާޓީއަކުން ވަކިވާން ހުށަހެޅުމާއެކު ވަކިވެވޭނެ ----ފޮޓޯ: އީސީ

މީގެ އިތުރުން، ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން ބަދަލު ގެނެސްފައިވާކަން އީސީން ފާހަގަކުރިއެވެ. އެހެން ނަމަވެސް، އެ ކޮމިޝަނުގައި ދަފުތަރުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބި މެންބަރުން ޕާޓީން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، އީސީގައި ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސް މަގާމުން ވަކިވުމަށް ހުށަހަޅަންވާނެ ކަމަށް އީސީން ބުންޏެވެ.

ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފުތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކިވެވޭނެ ކަމަށް އީސީން ބުންޏެވެ.

comment ކޮމެންޓް