މިނިވަންކަމަށް ލޯބިކުރާ ކޮންމެ ދިވެއްސެއްގެ މި އަހަރުގެ އަޒުމަކަށް ވާން ޖެހޭނީ، ގައުމު ބައިބައިކޮށްލުމުގެ ފުރުސަތު ޚުދުމުޚުތާރު ވެރިއަކަށް ނުދިނުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިގޮތުން، ސަރުކާރަށް ދެ އަހަރު ވީއިރު، ސާފުވި އެންމެ ބޮޑު ހަގީގަތަކީ، ގައުމެއް ހިންގުމުގެ އެއްވެސް ތަޞައްވުރެއް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކިބައިގައި ނެތްކަން ކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ.
ގައުމުގެ އިގުތިޞާދު 'އިނދަޖެހިފައިވާއިރު'، ރައްޔިތުން ހޯދާފައިވާ މިނިވަންކަން ގެއްލޭ ތަން ފެންނަ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ގައުމާ މެދު ދުރު ރާސްތާގެ އެއްވެސް އަމާޒެއް ނެތް ކަމަށާއި މިހާތަނަށް ފެނުނީ، ދައުލަތުގެ ބާރުތައް މުށުތެރެއަށް ލުމާއި އާންމު ދިރިއުޅުމުގެ ކަންކަމަށް ނުފޫޒު ފޯރާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު: މި އަހަރުގެ އަޒުމަކަށް ވާން ޖެހޭނީ، ޚުތުމުހުތާރު ވެރިއަކަށް ގައުމު ބައިބައިކޮށްލުމުގެ ފުރުސަތު ނުދިނުން ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމު
މިނިވަންކަމާއި ތަރައްގީއަށް ލޯބިކުރާ ކޮންމެ ދިވެއްސެއްގެ މި އަހަރުގެ އަޒުމަކަށް ވާން ޖެހޭނީ، ގައުމުގެ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހުކުރުން ކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.
"އެއީ ޚުދުމުޚުތާރު ވެރިއަކަށް ގައުމު މިހާ ފަސޭހައިން ބައިބައިކޮށްލުމުގެ ފުރުސަތު ނުދިނުމަށެވެ. 2026 ވަނަ އަހަރަކީ އުންމީދީ، ހެޔޮ ބަދަލުތަކެއް ފެންނާނެ އަހަރަކަށް ވުމަކީ އަޅުގަނޑުމެންގެ އެދުމެވެ" އޭނާ ވިދާޅުވިއެވެ.
އެއާއެކު، އަންހެނުންނާއި ނިކަމެތި މީހުންނަށް އަމާޒުކޮށް ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.
އޭނާ އިޝާރާތްކުރެއްވީ، އިއްޔެ އިސްލާހުކުރި ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުންގެ ހެދުން ހުންނަންޖެހޭ ދިގުމިނާއި ގޮތް ތަފުސީލްކޮށް ސިވިލް ސާވަންޓުން ހެދުން އެޅުމުގެ ގަވައިދަށެވެ. އެއީ، އަންހެނުންގެ އަމަލުތަކާއި އެ މީހުން ހެދުން އެޅުމުގެ މައްޗަށް ބާރު ފޯރުވަން އުޅޭ ކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ފައްޔާޒުގެ އިތުރަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ، އެ ކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ފައްޔާޒު ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ހެދުމަށް ރައީސް މުއިއްޒު ތައްޔާރުވަމުންދާ ކަމަށް ދެކެވޭ ވާހަކައަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ނުފޫޒު ފޯރުވުމުގެ ވާދަވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިއީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިއާދަނުކުރެވޭނެ ފަދަ ބޮޑު ނުރައްކަލެއް" ފައްޔާޒު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މަޝްރޫއުތައް ނުހިންގާ ކަމަށް ބުނެ، ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އަދި، އިގުތިޞާދު ދަށްވެ، ވިޔަފާރިތައް ބަނގުރޫޓުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ވިޔަފާރިތަކުން އަންނަނީ ފާޅުކުރަމުންނެވެ.