އޮސްޓްރޭލިއާއާ އެއްގޮތަށް، ފްރާންސުން ވެސް 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ބައެއް ނޫސްތަކުގައިވާ ގޮތުން، ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން، ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮންގެ ތާއީދު އޮތް ބިލެއް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. އަދި އެ ބިލަށް މި މަހު ބަހުސް ކުރާނެ ކަމަށް ބެލެވެއެވެ.
ބިލް ހުށަހެޅުމުގެ މަގުސަދަކީ ސްކްރީން ބަލަން ހޭދަކުރާ ވަގުތު މަދުކޮށް، ކުޑަކުދިންނާ އެކަށީގެން ނުވާ ކޮންޓެންޓް ފަދަ ކަންކަމުން ރައްކާތެރިކުރުމެވެ.
އެ ބިލުގައި ސްކްރީން މާގިނައިން ބޭނުންކުރުމުން ޒުވާނުންނަށް ކުރިމަތިވާނެ ނުރައްކާތައް ދައްކުވައިދޭ އެތައް ދިރާސާތަކެއް ހިމަނާފައިވާ ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.
އެ ބިލުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން 15 އަހަރުން ދަށުގެ ކުދިންނަށް ޚިދުމަތް ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅާނެއެވެ.
ސޯޝަލް މީޑިއާއިން ކުރާ ނޭދެވޭ އަސަރުން ކުޑަކުދިން ރައްކާތެރި ކުރުމަށް މެކްރޮން މީގެކުރިންވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ފްރާންސްގެ ސްކޫލްތަކުގައި 15 އަހަރުން ދަށުގެ ކުދިންނަށް، 2018 ވަނަ އަހަރުން ފެށިގެން މޯބައިލް ފޯނު ބޭނުން ކުރުން މަނަލެވެ. ނަމަވެސް އެކަން ހަރުދަނާކޮށް ތަންފީޒުނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ފްރާންސް ސަރުކާރުން ވެސް ވަނީ 2023 ވަނަ އަހަރު 15 އަހަރުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ ގަވާއިދުތަކާ ފުށުއަރާތީ އެކަން އޮތީ ނުވެއެވެ.
އޮސްޓްރޭލިއާ އިން މިދިޔަ މަހު ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައެވެ. އެއީ އެފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.