އެމެރިކާގެ ބޮސްޓަންގައި ކުޅުނު ވޯލްޑް ކަޕްގެ ގްރޫޕް އައިގެ ފަހު މެޗުގައި އުސްމާން ޑެމްބެލޭ ހެދި ހެޓްރިކާއެކު 4-1 އިން ނޯވޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ.
ހަމަ މި ގްރޫޕްގައި ކެނެޑާގެ ޓޮރޮންޓޯގައި ކުޅުނު އަނެއް މެޗުގައި، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އިރާގުގެ މައްޗަށް 5-0 އިން ކުރިހޯދައި، މުބާރާތުގެ ގަދަ 32 އަށް ދިއުމުގެ އުންމީދު ސެނެގޯލުން ވަނީ އާކޮށްފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި އެފްރިކާގެ ގައުމަކުން މެޗެއްގައި ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ފްރާންސާއި ނޯވޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ޑެމްބެލޭ ވަނީ 25 މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ނަގައިދިން ހުރަހަކުން ޑެމްބެލޭ ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ ކުރިން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. ޑެމްބެލޭގެ ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، އޭގެ އެއް މިނެޓު ފަހުން ނޯވޭގެ ތެލޯ އާސްގާޑް ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް 32 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ 1994 ވަނަ އަހަރު ރަޝިއާގެ އޮލެގް ސަލެންކޯއަށް ފަހު ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ ހާފުގައި ކުޅުންތެރިއަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. އަދި މިއީ މިއަހަރުގެ މުބާރާތުގައި ފެނުނު ތިންވަނަ ހެޓްރިކެވެ.
މި މެޗަށް ނުކުތްއިރު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، ނޯވޭއިން ވަނީ އެ ޓީމުގެ މުހިންމު 10 ކުޅުންތެރިއަކަށް އަރާމުކުރަން ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފޯވާޑް އާލިންގ ހާލަންޑް އަދި ކެޕްޓަން މާޓިން އޮޑެގާޑް ވެސް ހިމެނެއެވެ.
މެޗުގެ ދެވަނަ ހާފުގައި ނޯވޭއަށް ލިބުނު ޕެނަލްޓީއެއް ޔޯގަން ސްޓްރޭންޑް ލާސަން ފޮނުވާލުމުން ފްރާންސްގެ ކީޕަރު މައިކް މައިނަން ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނޯވޭގެ ކީޕަރު އެގިލް ސެލްވިކްއަށް އަނިޔާވެގެން ފަރުވާދޭން ޖެހުނެވެ. ފްރާންސްގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބްރެޑްލީ ބާކޮލާގެ އެހީތެރިކަމާއެކު ބޮލުން ފޮނުވާލި ހަމަލާއަކުން ޑެޒިރޭ ޑުއޭއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޑެމްބެލޭ ބުނި ގޮތުގައި މިއީ އޭނާއަށް ވަރަށް ހާއްސަ އަދި މުހިންމު ވަގުތުކޮޅެކެވެ. އަދި މިއީ އާދަޔާ ހިލާފު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ސެނެގޯލާއި އިރާގު ބައްދަލުކުރި މެޗުގައި ސެނެގޯލުން ވަނީ ފެށުން ރަނގަޅުކޮށްފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އަބްދުލާއޭ ސެކް ބޮލުން ފޮނުވާލި ބޯޅައެއް ހަބީބް ދިއާރާގެ ގައިގައި ޖެހިފައި ގޯލަށް ވަނުމުން ސެނެގޯލަށް ވަނީ ލީޑު ލިބިފައެވެ. އިރާގަށް މައްސަލަތަކާ ކުރިމަތިވީ މެޗުގެ 13 ވަނަ މިނެޓުގައި ސެނެގޯލްގެ ސާޑިއޯ މާނޭއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު އިރާގުގެ ރެބިން ސުލާކާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އިރާގުގެ މައްޗަށް ސެނެގޯލުން ކުރިހޯދީ ދެވަނަ ހާފުގައެވެ.
އެގޮތުން 56 ވަނަ މިނެޓުގައި އިސްމާއިލާ ސާރ ލަނޑެއް ޖެހިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕާޕޭ ގޭއި ވަނީ 59 ވަނަ މިނެޓާއި 71 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާތަކަކުން ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ސެނެގޯލްގެ ފަހު ލަނޑު 82 ވަނަ މިނެޓުގައި ޖަހައިދިނީ އިލިމަން އެންޑިއާއޭއެވެ.
މި މެޗުގައި އެންޑިއާއޭ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ލަނޑެއް ޖަހައި، އެސިސްޓެއް ކޮށް، އިދިކޮޅު އޭރިއާ ތެރޭގައި ފަސް ފަހަރު ބޯޅައިގައި ޖެހި އަދި ފަސް ޑްރިބަލް ފުރިހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ހަދައިފައެވެ.
މި ނަތީޖާއާއެކު ސެނެގޯލް ގްރޫޕްގެ ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާއެކުގައެވެ. މުބާރާތުގެ ގަދަ 32 އަށް ދާނީ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމެވެ. ސެނެގޯލްގެ ކޯޗު ޕާޕޭ ތިއޯ ބުނި ގޮތުގައި އެ ޓީމުގެ މަސައްކަތް ނިމިއްޖެ ކަމަށާއި، ދެން ގޮތް ނިންމާނީ އެހެން މެޗުތަކުގެ ނަތީޖާއިން ކަމަށެވެ. 1986 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނު އިރާގު ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓައިފައެވެ. ފްރާންސް ދެވަނަ ބުރުގައި ނިއު ޖާޒީގައި ސްވިޑަންއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ބޮޑުއިރު، ގްރޫޕްގެ ދެވަނަ ހޯދި ނޯވޭ ޖޫން 30 ވަނަ ދުވަހު ޑެލަސްގައި ނުކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.