ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ

އޮސްޓްރޭލިއާއިން ނަމޫނާ ލިބިގަތުމަށް އެހެން ބައެއް ގައުމުތަކުންވެސް ދަނީ ވިސްނަމުން --- ފޮޓޯ: ރޮއިޓާސް

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށް، ދުނިޔޭގެ ތާރީޚުގައި އެފަދަ ފުރަތަމަ ގާނޫނަށް އަމަލުކުރަން އޮސްޓްރޭލިއާގައި ފަށައިފިއެވެ.

އޮސްޓްރޭލިއާ ގަޑިން ބުދަ ދުވަހުގެ 00:00އިން ފެށިގެން މި ގާނޫނު ތަންފީޒުކުރަން ފަށާފައިވާއިރު، މިއީ ކުޑަކުދިން އިންޓަނެޓްގެ ނުރައްކަލުން ސަލާމަތްކުރުމަށް އެޅި ތާރީޚީ ފިޔަވަޅެއް ކަމަށް އެ ގައުމުން ބުނެއެވެ.

އޮސްޓްރޭލިއާގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ގައުމުގައި ތިބި 16 އަހަރުން ދަށުގެ ކުދިންގެ އަދަދު ފަސް މިލިއަނަށް އަރައެވެ. އޭގެ ތެރޭގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ އެއް މިލިއަން ކުދިން ހިމެނެއެވެ.

އައު ގާނޫނުގެ ދަށުން ޓިކްޓޮކް، ޔޫޓިއުބް، އިންސްޓަގްރާމް އަދި ފޭސްބުކް ފަދަ މަޝްހޫރު ޕްލެޓްފޯމްތަކަށް 16 އަހަރުން ދަށުގެ ކުދިންނަށް ވަނުމުގެ ދޮރު ވަނީ ބަންދުކޮށްފައެވެ. މި ގާނޫނަށް ޢަމަލުނުކުރާނަމަ، އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (ގާތްގަނޑަކަށް 33 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ކަނޑައަޅާފައިވެއެވެ.

https://sun.mv/214955

މި ގާނޫނު ތަންފީޒުކުރުމުގެ އެންމެ ބޮޑު މަގުޞަދަކީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ޞިއްޙަތާއި ސަލާމަތަށް ކުރާ ނޭދެވޭ އަސަރުތަކުން އެ ކުދިން ރައްކާތެރިކުރުމެވެ.

މި ފިޔަވަޅަކީ ބެލެނިވެރިންނާއި ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަރަށް ބޮޑަށް މަރުޙަބާ ކިޔާފައިވާ ފިޔަވަޅެކެވެ. ނަމަވެސް، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާއި މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ހައްގަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ މިކަމަށް ފާޑުކިޔާފައެވެ.

މި ގާނޫނަށް ޢަމަލުކުރުމަށްޓަކައި، ގިނަ ޕްލެޓްފޯމްތަކުން ވަނީ އުމުރު ކަށަވަރުކުރުމުގެ އާ ނިޒާމްތައް ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި އޮންލައިން ހަރަކާތްތަކުން އުމުރު ދެނެގަތުމާއި، ސެލްފީ ނެގުމުން އުމުރު ކަނޑައެޅުން ފަދަ ކަންކަން ހިމެނެއެވެ. އެގޮތުން، އީލޯން މަސްކްގެ އެކްސް ފިޔަވައި އެހެން ހުރިހާ ޕްލެޓްފޯމްތަކުން ވެސް މި ގާނޫނަށް ތަބާވާނެކަން ވަނީ ހާމަކޮށްފައެވެ. އެކްސް އިން ބުނެފައިވަނީ މި ގާނޫނަކީ އޮސްޓްރޭލިއާގެ ހުރިހާ ރައްޔިތުންނަށް އިންޓަނެޓަށް ވަނުމުގެ މަގު ކޮންޓްރޯލްކުރުމަށް ހިންގާ ޕްރޮޕަގެންޑާއެއް ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި ގާނޫނު ތަންފީޒުކުރުމުގެ ކުރިން، އޮސްޓްރޭލިއާގެ އަށް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 86 އިންސައްތަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރެއެވެ. މިކަމާ ގުޅިގެން ބައެއް ޒުވާނުން ވަނީ، ކުދިން އެކަނިވެރިވެ، އެ ކުދިންނަށް ރައްޓެހިން ހޯދަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޮސްޓްރޭލިއާގެ މި ފިޔަވަޅު ތަންފީޒު ކުރާ ގޮތް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ވަރަށް ގާތުން ބަލަމުންދެއެވެ. އެގޮތުން، ކުޑަކުދިންގެ ސަލާމަތަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުމަށް އެހެން ބައެއް ގައުމުތަކުން ވެސް ވިސްނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު