ބޮލީވުޑްގެ ކާމިޔާބު ފިލްމު "ގަދަރު"ގެ ޑައިރެކްޓަރު އަނިލް ޝަރުމާގެ އާ ފިލްމުގެ ލީޑް އެކްޓަރަކީ އަނިލްގެ ދަރިފުޅު އުތުކާޝް ޝަރުމާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ބައްޕަ އަނިލްއާ އެކު އުތުކާޝް އެންމެފަހުން މަސައްކަތްކުރި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބުނު ފިލްމު "ވަންވާސް"އެވެ.
މި ފިލްމަކީ އާއިލީ ގުޅުންތަކުގެ މުހިއްމު ދައްކުވައިދިން އާއިލީ ޑްރާމާ ފިލްމެކެވެ. އުތުކާޝްގެ އިތުރުން ހުނަރުވެރި އެކްޓަރު ނާނާ ޕަޓޭކަރު ވެސް މުހިއްމު ރޯލަކުން ފެންނާނެ އާ ފިލްމުގެ ނަމަކީ "އަރުޖުން ނާގާ"އެވެ.
އަނިލްއާ އެކު އުތުކާޝް މަސައްކަތްކުރާ ފަސްވަނަ ފިލްމު "އަރުޖުން ނާގާ" އަކީ އެކްޝަން އާއި އެއްވަރަށް އެތައް ޖަޒުބާތެއް އޭގައި ހިމަނައިގެން އުފައްދާ ފިލްމެކެވެ.

އެކްޓަރު އުތުކާޝް ފިލްމު "ގަދަރު 2"ގެ މަންޒަރެއްގައި ސަނީއާ އެކު--ފޮޓޯ/މިޑްޑޭ
މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ނިންމާފައިވާއިރު ފިލްމުގެ ކާސްޓަށް ގެންނަން ބޭނުންވާ އިތުރު ތަރިންތައް ހޮވުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އަނިލްގެ ދަރިފުޅު އުތުކާޝް އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންނަށް އެންމެ ފުރަތަމަ ގެނެސްދިން ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ސައިކޮލިޖިކަލް ތުރިލަ "ޖީނިއަސް"އެވެ. އޭގެކުރިން އުތުކާޝް ވަނީ ބައްޕަ އަނިލް ގެނެސްދިން ފިލްމު "ގަދަރު: އޭކް ޕްރޭމް ކަތާ"ގައި ޗައިލްޑް އެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
އޭގެ ފަހުން ރިލީޒްކުރި އެ ފިލްމުގެ ސީކުއަލްގައި ވެސް އުތުކާޝް ވަނީ ސަނީ އާއި އަމީޝާގެ ދަރިފުޅުގެ ރޯލްއިން ފެނިފައެވެ.
އަނިލް ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދިން މަގުބޫލު ފިލްމުތަކުގެތެރޭ "މަހާރާޖާ"، "ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އަދި "އަޕްނޭ" ހިމެނެއެވެ.