އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާގެ 'ކެޕްސް ކެފޭ"ގެ އައުޓްލެޓެއް ދުބާއީގައި ހުޅުވައިފިއެވެ.
ކަޕިލްގެ "ކެޕްސް ކެފޭ" ދުބާއީގައި ހުޅުވުމަށް ތައްޔާރުވަމުން އައީ މި ފެށުނު އާ އަހަރުގެ މުނަސާބަތަށެވެ. އެގޮތުން ރޭ ދުބާއީގައި ހުޅުވި ކެފޭގެ ޚިދުމަތް އާއްމުންނަށް ދޭން ފަށާފައިވާ ކަމަށް ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
"ކެޕްސް ކެފޭ" ދުބާއީގައި ލޯންޗުކުރިކަން ކަޕިލްގެ އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނުކުރަމުން އެ ކެފޭގައި ކަޕިލް ޚިދުމަތް ދެމުން އަންނަ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ވަނީ ހިއްސާކޮށްފައެވެ.
ދުބާއީގައި ހުޅުވި ކެފޭގެ މެނޫގައި ހިމެނޭ އައިޓަމްތައް އަދި ސިއްރުކޮށްފައިވާއިރު އެ ކެފޭގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ފެށިގެން މެންދަމު 12:00 ޖަހަންދެން ލިބޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ކެނެޑާގައި ހުންނަ ކަޕިލްގެ 'ކެޕްސް ކެފޭ' އަދި ކަޕިލް އަންހެނުން ގިނީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ކެނެޑާގައި ހުންނަ ކަޕިލްގެ ކެފޭއިން އިންޑިއާ އަދި ވެސްޓަން ޤައުމުތަކުގެ މަގުބޫލު ކެއުންތައް ލިބެން ހުންނައިރު ދުބާއީގެ ކެފޭގެ މެނޫގައި ވެސް އިންޑިއާގެ ކެއުންތައް ހިމެނުމަށް ކަޕިލްގެ ސަޕޯޓަރުން ވަނީ އެދިފައެވެ.
ކަޕިލް އާއި އަންހެނުން ޖިނީ ޗަތުރާ ގުޅިގެން ހިންގަމުން އަންނަ "ކެޕްސް ކެފޭ"އިން އިތުރު އާ ކެފޭއެއް ހުޅުވުމާ ގުޅިގެން ވަރަށް ގިނަބަޔަކު ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ.
ކަޕިލް އިތުރު ކެފޭއެއް ހުޅުވުމުގައި އަވަދިނެތިކޮށް އުޅެމުން އަންނައިރު އޭނާ އަންނަނީ ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ އަމިއްލަ ކޮމެޑީ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ހަތަރު ވަނަ ސީޒަންގެ މަސައްކަތް ވެސް ކުރަމުންނެވެ. ހަތަރު ވަނަ ސީޒަން ދައްކަން ފެށިފަހުން ފުރަތަމަ ދެ ހަފްތާގައި ވެސް 2.3 މިލިއަން ވިއުސް ކަޕިލްގެ ޝޯއަށް ވަނީ ލިބިފައެވެ.