މިދިޔަ ނޮވެމްބަރު މަހު ޝޫޓިންގް ފެށިކަން އިއުލާނުކުރި ސައުތު އެކްޓަރު ޕްރަބާސްގެ ފިލްމު "ސްޕިރިޓް"ގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މީގެ ހަތަރު ފަސް އަހަރު ކުރިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އިއުލާނުކުރި "ސްޕިރިޓް"ގެ ޕޯސްޓަރުގައި ޕްރަބާސް އާއި ފިލްމުގެ ބަތަލާގެ ރޯލް ކުޅޭ ތުރިޕްތީ ވެސް ވަނީ ދައްކާލާފައެވެ. ޕްރަބާސް ޒަޚަމްތަކަކާ އެކު ފެންނަ މި ޕޯސްޓަރުގައި ބަތަލާ ތުރިޕްތީ ފެންނަނީ އެކްޓަރު ސިނގިރޭޓެއް ބޯލަން އެހީތެރިވާ މަންޒަރެވެ.
މި ފިލްމުގެ ޕޯސްޓަރެއް ބެލުންތެރިންނަށް ގެނެސްދީފައި ވަނީ އާ އަހަރުގެ ހަދިޔާއެއް ކަމަށް ބުނެ އާ އަހަރުގެ ތަހުނިޔާ ވެސް ސަޕޯޓަރުންނަށް ކިޔަމުންނެވެ.
ފިލްމު "ސްޕިރިޓް" އިއުލާނު ކުރުމަށްފަހު ވަރަށް ގިނަ ނޫސްތަކުގެ ފަލަ ސުރުހީއަށް ފިލްމުގެ ވާހަކަ ދޭތެރެ ދޭތެރެއިން އަރާފައިވާތީ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.

ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ދަ ރާޖާ ސާބް"ގެ މަންޒަރެއްގައި އެކްޓަރު--ފޮޓޯ/އިންޑިއާޓުޑޭ
ފިލްމު "އެނިމަލް" އަދި "ކަބީރު ސިންގް" އަދި "އަރުޖުން ރެޑީ" ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ސަންދީޕްގެ މި ފިލްމަށް ވެސް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު "ސްޕިރިޓް" ސިނަމާތަކަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެއެވެ.
ފިލްމު "ސްޕިރިޓް"ގެ ކާސްޓުގައި ޕްރަބާސް އާއި ތުރިޕްތީގެ އިތުރުން ވިވެކް އޮބޮރޯއި، ކާންޗަނާ އަދި ޕްރަކާޝް ރާޖް ވެސް ހިމެނެއެވެ. މީގެއިތުރުން ކޮރެއާގެ މަޝްހޫރު އެކްޓަރު ޑޮން ލީ ވެސް މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޕްރަބާސްގެ ކުރިއަށްހުރި ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ އިންތިޒާރުކުރާ "ސްޕިރިޓް"ގެ ޕޯސްޓަރެއް ދައްކާލިއިރު "ބާހޫބަލީ"ގެ އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ މި މަހުގެ 9 ވަނަ ދުވަހު ރިލީޒްކުރާ ފެންޓަސީ ހޮރޯ ކޮމެޑީ ފިލްމު "ދަ ރާޖާ ސާބް"އިންނެވެ.