މިފެށުނު އައު އަހަރާ ކުރިމަތިލާއިރު، ވަޓްސްއެޕް އަދި އެސް.އެމް.އެސް މެދުވެރިކޮށް ހިންގަމުންދާ ނުރައްކާތެރި ސްކޭމަކަށް ސަމާލުވުމަށް ސައިބާ ސެކިއުރިޓީ އިދާރާތަކުން އިންޒާރު ދީފިއެވެ.
އައު އަހަރުގެ ތަހުނިޔާ ކާޑު ތައްޔާރުކޮށްދޭ ކަމަށް ބުނެ ހިންގާ މި ސްކޭމަކީ ފޯނުގައިވާ މުހިންމު މައުލޫމާތާއި ބޭންކް އެކައުންޓްގެ ތަފްސީލުތައް ވަގަށް ނެގުމަށް ހިންގާ އޮޅުވާލުމެއް ކަމަށް އެ އިދާރާތަކުން ބުނެއެވެ.
މި ސްކޭމްގައި އާންމުކޮށް މީހުންނަށް ލިބެނީ އަމިއްލަ ނަމާއި ފޮޓޯ ހިމަނައިގެން އައު އަހަރުގެ ތަހުނިޔާ ކާޑެއް ތައްޔާރުކުރުމަށް ބާރުއަޅާ ލިންކެކެވެ. އެ ލިންކަށް ފިއްތާލުމުން، "ހެޕީ ނިއު އިޔާ އޭޕީކޭ" ފަދަ ނަމެއްގައިވާ ފައިލެއް ފޯނަށް ޑައުންލޯޑް ކުރުމަށް އެދޭނެއެވެ.
ސައިބާ މާހިރުން ހާމަކުރާ ގޮތުގައި މިއީ ފޯނަށް މެލްވެއާ ނުވަތަ ނުރައްކާތެރި ވައިރަސް ފޮނުވުމަށް ބޭނުންކުރާ ފައިލެކެވެ. މި ފައިލް އިންސްޓޯލް ކުރުމާއެކު ހެކަރުންނަށް ފޯނުގެ ފުރިހަމަ ކޮންޓްރޯލް ލިބި، އެކައުންޓްގެ މައުލޫމާތާއި، ޒާތީ ފޮޓޯ އަދި މެސެޖުތައް ވަގަށް ނެގުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.
އިންޑިއާގެ ހައިދަރުއާބާދު ސައިބާ ކްރައިމް ޔުނިޓުން އިރުޝާދު ދެނީ ވަޓްސްއެޕް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް ލިބޭ ނޭނގޭ ލިންކްތަކަށް ނުފިއްތުމަށާއި، މެސެޖުތަކުން ލިބޭ އެއްވެސް އޭ.ޕީ.ކޭ ފައިލެއް ފޯނަށް އިންސްޓޯލް ނުކުރުމަށެވެ.
މީގެ އިތުރުން އެއްވެސް އެޕްލިކޭޝަނެއް ޑައުންލޯޑް ކުރަން ބޭނުންނަމަ ގޫގުލް ޕްލޭ ސްޓޯރު ނުވަތަ އެޕަލް އެޕް ސްޓޯ ފަދަ ރަސްމީ ވަސީލަތްތައް ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެއްވެސް ވެބްސައިޓަކަށް ބޭންކް އެކައުންޓްގެ މައުލޫމާތު ނުވަތަ ޕާސްވޯޑް ދިނުމުގެ ކުރިން އެއީ ސައްހަ ސައިޓެއްތޯ ޔަގީންކުރުމަކީވެސް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ކަމެކެވެ.
ވަޓްސްއެޕް އެކައުންޓްތައް ހެކް ކުރުމަށް "ގޯސްޓް ޕެއަރިންގް" ނަމަކަށް ކިޔާ އައު އުކުޅެއްވެސް މިދުވަސްވަރު ބޭނުންކުރަމުންދާތީ، އެއްވެސް މީހަކު ފޮނުވާ ކޯޑެއް ވަޓްސްއެޕްގައި ނުޖެހުމަށްވެސް ވަނީ އަންގާފައެވެ.
މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅައެވެ.
މިއީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައިވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.