އައު އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން ގިނަ ބަޔަކު ހުޅުމާލެއަށް އަރައި ފައިބާނެތީ، ޓްރެފިކް ފްލޯ ބާރުބޮޑުވާނެ ކަމަށް ބެލެވޭތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެފަދައިން ބުނެފައި ވަނީ މިއަހަރުގެ އެންމެ ފަހު ދުވަސް ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފައިވަނިކޮށެވެ. މި ހަރަކާތްތަކުގެ ތެރެއިން ގިނަ ހަރަކާތްތައް ކުރިއަށްގެންދަން ރާވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.
ފުލުހުން ބުނީ މި ހަރަކާތްތަކާ ގުޅިގެން އެކި އުމުރުފުރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެއަށް އަރާ ފައިބާނެ ކަމަށާއި އެކަމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އައު އަހަރުގެ ހަރަކާތްތަކާ ގުޅިގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ރިވެލީގެ ތެރެއިން ހުޅުމާލެ ޕޮލިސްގެ ފަރާތުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެެގޮތުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އޮޕަރޭޝަން މިރޭ 19:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިރޭ ފާހަގަކުރާ އައު އަހަރުގެ މުނާސަބަތުގައި އެކި ހަރަކާތްތައް ބާއްވަން ސަރުކާރުން ރާވާފައިވެއެވެ. އެގޮތުން، އަންނަ އަހަރު ފެށުމާ ދިމާކޮށް ވެސް ހުޅުމާލޭގައި ފުޑް އެންޑް ކަލްޗާ ފެސްޓިވަލްއެއް ބާއްވާނެ ކަމަށާއި، އެ ފެސްޓިވަލްގައި ރާއްޖޭގައި އަލަށް 'ޕައިރޯ ޑްރޯން' ޝޯއެއް ބާއްވާނެ ކަމަށް ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެފައިވެއެވެ. ޝިއުރީ މިގޮތަށް ވިދާޅުވީ އިއްޔެ ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޝިއުރީ ވިދާޅުވީ މިދިޔަ އަހަރު ފެސްޓިވަލް ބޭއްވީ އެންމެ ދުވަހަކަށް ނަމަވެސް، އެ އަހަރު ލިބުނު ތަރުހީބަށް ބަލައި، މި އަހަރުގެ ފެސްޓިވަލް ތިން ދުވަހު ކުރިއަށްގެންދަން ނިންމައިފައިވާ ކަމަށެވެ. އެއީ އިއްޔެ ހަވީރު 16:00އިން ފަށައިގެން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންނާއެކު އާއިލާތަކަށް ބައިވެރިވެވޭނެ ގޮތަށް، އެކި ހަރަކާތްތައް އެ ފެސްޓިވަލްގައި ކުރިއަށްގެންދާނެ ކަމަށެވެ.
އަދި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޑްރޯން ޝޯއެއް ބާއްވާނެ ކަމަށާއި އެ ޝޯ އޮންނާނީ މިރޭ 21:00ގައި ކަމަށް ވެސް ޝިއުރީ ވިދާޅުވިއެވެ.
އެއަށްފަހު މިރޭ 12:00 ޖެހުމާއެކު ހަވާ އެރުވުން ވެސް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.