މި އަހަރު ފެށުމަށް ބޭއްވި ފެސްޓިވަލްއާ އެއްގޮތަށް، އަންނަ އަހަރު ފެށުމާ ދިމާކޮށް ވެސް ހުޅުމާލޭގައި ފުޑް އެންޑް ކަލްޗާ ފެސްޓިވަލްއެއް ބާއްވާނެ ކަމަށާއި، އެ ފެސްޓިވަލްގައި ރާއްޖޭގައި އަލަށް 'ޕައިރޯ ޑްރޯން' ޝޯއެއް ބާއްވާނެ ކަމަށް ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ މިއަދު ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިއުރީ ވިދާޅުވީ މިދިޔަ އަހަރު ފެސްޓިވަލް ބޭއްވީ އެންމެ ދުވަހަށް ނަމަވެސް، އެ އަހަރު ލިބުނު ތަރުހީބަށް ބަލައި، މި އަހަރުގެ ފެސްޓިވަލް ތިން ދުވަހު ކުރިއަށްގެންދަން ނިންމައިފައިވާ ކަމަށެވެ. އެއީ މިއަދު ހަވީރު 16:00އިން ފަށައިގެން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އޭނާ ވިދާޅުވީ އެ ފެސްޓިވަލް ބާއްވަނީ އެކި ރޮނގުތަކުން ދިވެހީންނަށް ލިބުނު ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. އެގޮތުން ކުޑަކުދިންނާއެކު އާއިލާތަކަށް ބައިވެރިވެވޭނެ ގޮތަށް، އެކި ހަރަކާތްތައް އެ ފެސްޓިވަލްގައި ކުރިއަށްގެންދާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޑްރޯން ޝޯއެއް ބާއްވާނެ ކަމަށާއި އެ ޝޯ އޮންނާނީ މާދަމާ ރޭ 21:00ގައި ކަމަށެވެ.
ޑްރޯން ޝޯއިން ވެސް މިދިޔަ އަހަރަށް ވުރެ ކުލަގަދަކޮށް، މުޅިން ވެސް އާ ކަންތައްތައް ފެނިގެންދާނެ، މި އަހަރުގެ ޑްރޯން ޝޯގައި، މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރެވޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ޕައިރޯ ޑްރޯން ޝޯ. އެ ޑްރޯންގައި ފަޔާވޯކްސް ވެސް ހިމެނިގެންދާ ކަހަލަ ގޮތަކަށް ފެނިގެންދާނެ
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ
އެއަށްފަހު މާދަމާ ރޭ 12:00 ޖެހުމާއެކު ހަވާ އެރުވުން ވެސް އޮންނާނެ ކަމަށާއި، ވީހާ ވެސް ގިނަ ބަޔަކު ފެސްޓިވަލުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށް ޝިއުރީ ވިދާޅުވިއެވެ.
މި ސަރުކާރުގައި ތަފާތު އެކި މުނާސަބަތުތަކާ ގުޅުވައި ޑްރޯން ޝޯތައް ބާއްވައިފައިވެއެވެ. އޭގެ ތެރޭގައި މި އަހަރު ފެށުމަށް ބޭއްވި ހަރަކާތުގެ އިތުރަށް، އީދު ދުވަހުގެ މުނާސަބަތާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ހިމެނެއެވެ.