ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު ނިންމާލީ، ސަގާފީ ބޮޑު ޖާފަތަކުން

ރޭ ބޭއްވި ޖާފަތަށް ދެ މީހަކު ޖާފަތެއް ގެންނަނީ: މިއީ އާންމުކޮށް، މިހާރު ނުފެންނަ މަންޒަރެއް --- ސަން ފޮޓޯ

މި އަހަރު ނިންމާލުމަށް ބ. ދަރަވަންދޫގައި ރޭ ސަގާފީ ބޮޑު ޖާފަތެއް ބާއްވައިފިއެވެ.

މި އަހަރު، ދަރަވަންދޫން ފާހަގަކުރަމުން އައީ، އެ ރަށަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައެވެ. އެގޮތުން، އަހަރު ނިންމާލުމަށް "މަގޭ ދަރަވަންދޫ ބޮޑު ޖާފަތް" ރޭ ވަނީ ބާއްވާފައެވެ.

މަގޭ ދަރަވަންދޫ ބޮޑު ޖާފަތުގައި ކޭމެއް --- ސަން ފޮޓޯ

ދޮޅު ހާހެއްހާ މީހުން ބައިވެރިވި، މި ޖާފަތުގައި ޖުމުލަ 28 ކޭމެއް ބައިވެރިކޮށް، މި ޖާފަތް ބާއްވާފައި ވަނީ، ދަރަވަންދޫ ސުކޫލުގައެވެ.

މި ކޭންތައް ގެނައީ ވެސް ތަފާތު ގޮތަކަށެވެ. އެގޮތުން ބައެއް ކޭންތައް ގެނައީ ތަންޑިޔާ ލައިގެންނެވެ.

މި ހަރަކާތް ބޭއްވީ ވެސް ވަރަށް ޚާއްސަކޮށެވެ. ކުރިން ދިވެހީންގެ ތެރޭގައި ހަދައި އުޅުނު މާލޫދު ގެއެއް ހަދައި، އެ ތަނުގައެވެ. އެ ތަން ވެސް ވަށައިގެން ފޮތި ޖަހައި، ވަރަށް ރަނގަޅަށް ހުރީ ޒީނަތްތެރިކޮށްފައެވެ.

މި ޖާފަތް ތަފާތުވާ އަނެއް ކަމަކީ، ހަރު ގޭގައި ދެމި ފޮތިގަނޑަކީ، މީގެ 100 އަހަރު ކުރިން 1347 އަހަރު ރަޖަބު މަހު، ދަރަވަންދޫގެ ރަށްޔިތުން އުފެއްދި އެއްޗެކަށްވާތީއެވެ. އެ ފޮތިގަނޑު، މީގެ 21 އަހަރު ކުރިން އެއް ފަހަރު ބޭނުންކުރިއެވެ. އެއަށް ފަހުގައި، ފޮތިގަނޑު އޮތީ ރައްކާކޮށްފައެވެ.

އަތުން، ތިނޯހުން ފަހާފައި އޮތް އެ ފޮތިގަނޑު ރޭ ބޭނުންކުރި، އެ ފޮތިގަނޑަކީ ދަރަވަންދޫގެ 12 މީހަކު އުފެއްދި އެއްޗެއްކަން ލިޔުންތަކުން އެނގެއެވެ. މިގޮތުން، 21 އަހަރު ފަހުން ބޭނުންކުރި ނަމަވެސް، ރައްކާކޮށްފައި އޮތްލެއް ފުރިހަމަ ކަމުން ފޮތިގަނޑު އޮތީ ރީތިކޮށެވެ. އެ ފޮތިގަނޑު ތަރިކައެއްގެ ގޮތުގައި ރައްކާތެރިކުރުމަށް ދަރަވަންދޫއިން ކުރާ މަސައްކަތް ހާމަކޮށްދެއެވެ.

ދަރަވަންދޫގައި ބޭއްވި ޖާފަތުގައި މިނިސްޓަރު އާދަމް ނަސީރާއި ކައުންސިލްގެ ރައީސް [ކ] --- ސަން ފޮޓޯ

އޭގެއިތުރަށް، އެކި ކުލަތަކުގެ ރީތި ފަރުމާތަކުގެ ފޮތިތަކުން އެތަން ވަށައިގެން ހުރިއިރު، މި ޖާފަތުގައި އެންމެން ވެސް ބައިވެރިވީ، ދިވެހި ހެދުމުގައެވެ. އަދި، އިށީނދެ ތިބީ، ކުނާތަކާއި ވިޔެފައި ހުރި ފަންގަނޑުތައް ފަތުރައިގެނެވެ.

މި ޖާފަތް އޮތް ހަރުގެ ރޭ އެއްކޮށްހެން އޮތީ ފުރިފައެވެ. ސުކޫލުގެ ގޯތިތެރޭގައި ވެސް މީހުން އުޅުނުއިރު، އެ ތަނަށް އެއްވާ މީހުންނަށް ކާންދިނުމަށް ދަރަވަންދޫގެ ރެސްޓޯރަންޓުތަކާއި ހޮޓާތަކުން ކާއެއްޗެހި އަތުރާފައި ހުއްޓެވެ.

އެއާއެކު، މި ފަދަ ޖާފަތެއް ބޭއްވުމުން ދަރަވަންދޫ ރައްޔިތުންގެ މޫނު މަތިން ރޭ ފެނުނީ އުފާވެރިކަމާއި ހިނިތުންވުމެވެ. އަދި، ހުރިހާ އެންމެން އެއްވެ، ކައިލަން ލިބުމުން އުފާވާ ކަމަށް އެރަށު ރައްޔިތުން ވަނީ ބުނެފައެވެ.

ދަރަވަންދޫގެ ބޮޑު ޖާފަތުގައި ދިވެހި ހެދުމުގައި ރައްޔިތުން ބައިވެރިވަނީ --- ސަން ފޮޓޯ

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އެ ހަފުލާގައި މިނިސްޓަރު ވަނީ، ދަރަވަންދޫގެ ރައްޔިތުންގެ އެއްބައިވަންތަކަމާ އެކުވެރިކަން ފާހަގަކުރެއްވާފައެވެ.

އޭގެއިތުރަށް، އެ ފަދަ ޖާފަތެއް ބޭއްވުމުގެ މުހިންމުކަމާއި ހަރުގޭގެ ވަށައިގެން ބޭނުންކުރި ފޮތިގަނޑު ރައްކާތެރިކުރުމަށް ދަރަވަންދޫއިން ކުރާ މަސައްކަތް ވަނީ މިނިސްޓަރު ފާހަގަކުރައްވާފައެވެ. ދާއިމީކޮށް، އެ ފޮތިގަނޑު ނަގާނަމަ، އިތުރު ގެއްލުމެއް ލިބިދާނެތީ، ފޮތިގަނޑު ހިމާޔަތްކުރުމަށް މިނިސްޓަރު އިރުޝާދުދެއްވިއެވެ. އަދި، އެ ޖާފަތުގައި ބައިވެރިވުމަށް ރަށަށް އައި މެހެމާނުންނަށް ވަނީ، "އަރާ" ފަނި ދީފައެވެ.

އައު އަހަރު ފާހަގަކުރުމަށް އެ ރަށުން އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް