އެފްއައިޔޫގެ ވެރިޔާ ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި

އެފްއައިޔޫގެ ހެޑް އިސްމާއީލް ސާޖިދު: އޭނާ ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި: ފޮޓޯ: ސާޖިދު ފޭސްބުކް

މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް މި ފަހުން އައްޔަން ކުރެއްވި އިސްމާއިލް ސާޖިދު ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ކަން "ސަން" އަށް އެނގިއްޖެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިދިޔަ އާދިއްތަ ދުވަހު, ސާޖިދު ސަސްޕެންޑްކޮށް, ވަނީ އޮފީހަށް ނުނިކުތުމަށް އަންގައިފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން އިތުރު ތަފްސީލު ހޯދާލިއިރު އެނގުނު ގޮތުގައި ސާޖިދުގެ މައްޗަށް ތުހުމަތު ކުރަނީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ. އަދި އެ މައްސަލަ އޮތީ ތަހުގީގު މަރުހަލާގައިކަން ވެސް ވަނީ އެނގިފައެވެ.

https://www.sun.mv/216071

އެފްއައިޔޫއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ތަނަކަށްވާއިރު އެތަނުގެ އެންމެ އިސްވެރިޔާ ސަސްޕެންޑް ކުރި ކުރުން އެމްއެމްއޭއިން އިސްވެ ހާމަ ނުކުރާތަނުގައި, އިއްޔެ އާއި މިއަދު "ސަން" އިން ތަކުރާރުކޮށް ގުޅުމުން ވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވާން ސާޖިދު ވެސް އަދި ބޭނުންފުޅެއް ނުވެއެވެ.

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ސާޖިދު އެ މަގާމަށް އައްޔަން ކުރެއްވީ, ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށްފައެވެ.

ސާޖިދު ކުރިން ހުންނެވީ, ޓެކްސް އެޕީލް ޓްރެބިއުނަލްގެ މެންބަރު ކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ.

ސާޖިދު އެފްއައިޔޫގެ ވެރިއަކަށް އައްޔަން ކުރެއްވުމަށް ފަހު, ކުރިން އެ މަގާމުގައި ހުންނެވި, އަޝްރަފު، ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައެވެ.

އެފްއައިޔޫއަކީ ބޭންކްތަކުގެ ތެރޭގައި ހިންގާ މާލީ އެކިއެކި މުއާމަލާތްތަކަށް ފާރަވެރިވެ, ޝައްކު ކުރެވޭ މުއާމަލާތްތަކުގެ މައްސަލަތައް ބަލަން ކަމާ ބެހޭ އިދާރާތަކަށް އަންގާ މުހިންމު އިދާރާއެކެވެ. އޭގެ ތެރޭގައި ކޮރަޕްޝަނާއި މަނީލޯންޑަރިންނާއި އެކިއެކި ކުށްކޮށްގެން ހޯދާ ފައިސާގެ މައްސަލަތައް ބެލުން ހިމެނެއެވެ.

comment ކޮމެންޓް