"ކޮރަލްސް މަސްރޭސް 1447" ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

"ކޮރަލްސް މަސްރޭސް 1447" ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި -- ފޮޓޯ/ އުރީދޫ

'ކްލަބް ކޮރަލްސް'އިން އިންތިޒާމުކޮށްގެން ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިތުރު އީދު މަސްރޭސް، "ކޮރަލްސް މަސްރޭސް 1447" ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ ހަވަނަ އަހަރެވެ.

ރާއްޖޭގެ އުތުރުގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ މި މުބާރާތުގައި 20އަށް ވުރެ ގިނަ ޓީމު ބައިވެރިވެއެވެ. މި މުބާރާތަކީ ކުޅިވަރާއި ސަގާފަތާއި އަދި އީދުގެ އުފާވެރިކަން ފާހަގަކުރުމަށް މުޖުތަމައުތައް އެއްތަނަކަށް ޖަމާވާ މުހިންމު ހަރަކާތެކެވެ.

މި މުބާރާތުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ ހަވީރުގެ ހަރަކާތްތަކާއި، ތަފާތު ހުށަހެޅުންތަކާއި އަދި އަގުހުރި އިނާމުތައް ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، މިއީ އާއިލާތަކާއި މުޅި މުޖުތަމައަށް އުފާވެރި މާހައުލެއް ފޯރުކޮށްދޭނެ ހަރަކާތެކެވެ.

މި ޕާޓްނަޝިޕާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، ކޮރަލްސް މަސްރޭހަކީ، ރަށްރަށުގެ މުޖުތަމައުތައް ސަގާފަތާއި، ކުޅިވަރާއި އުފާވެރިކަމުގެ ތެރެއިން ގުޅިގެން މަސައްކަތްކުރާ މަންޒަރު ދައްކުވައިދޭ ވަރުގަދަ ހެއްކެއް ކަމަށެވެ.

އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުގެ ގުޅުން ބަދަހިކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މިފަދަ ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމަށް. ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އަމާޒަކީ ކުޅުދުއްފުށީގެ މި ފޯރި މުޅި ރާއްޖެއަށް ގެނެސްދީ، ގިނަ ބަޔަކަށް މި އުފާވެރި ވަގުތުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް

އުރީދޫން ބުނި ގޮތުގައި 'ކްލަބް ކޮރަލްސް'އިން އަންނަނީ މުޖުތަމައު ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން، މުޖުތަމައަށް ފައިދާހުރި 35އަށް ވުރެ ގިނަ ހަރަކާތް އެ ޖަމިއްޔާއިން އިންތިޒާމުކޮށްފައިވާއިރު، ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް މީޑިއާގައި އެ ޖަމިއްޔާގެ މަގުބޫލުކަން އިތުރުކުރުމަށް ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް އުރީދޫން ބުންޏެވެ.

މި ޕާޓްނަޝިޕްގެ ސަބަބުން، ރާއްޖޭގެ މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި، އީޖާދީ ވަސީލަތްތައް ބޭނުން ކޮށްގެން ސަގާފީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް އުރީދޫއިން ވެފައިވާ ވައުދު އާކޮށްދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި މިއީ ޑިޖިޓަލް ޓެކްނޮލޮޖީއާއި މުޖުތަމައުގެ ގުޅުމުން ބާރުލިބޭ "ޑިޖިޓަލް މޯލްޑިވްސް" އެއް ގާއިމުކުރުމަށް އުރީދޫއިން ގެންގުޅޭ ތަސައްވުރާ އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް