މި އަހަރުގެ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި، އުރީދޫ މޯލްޑިވްސްގެ ފަރާތުން މާލެ އާއި ހުޅުމާލޭގައި އާންމުންނަށް އީދު ސައި ހަދިޔާކޮށްފިއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އުރީދޫން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އީދު ނަމާދުގެ ޖަމާއަތަށްފަހުގައެވެ. އެގޮތުން މާލޭގައި އީދު ސައި ބާއްވާފައިވަނީ ކިންގް ސަލްމާން މިސްކިތް ކުރިމަތީގައެވެ. އަދި ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ގްރޭންޑް މިސްކިތް (މަސްޖިދުއްޝައިޚް ގާސިމް ބިން އާލް-ޘާނީ) ސަރަހައްދުގައެވެ.
އުރީދޫން މައުލޫމާތު ދޭގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އާއިލާއާއި ރައްޓެހިންނާއެކު އެއްތަނަކުން ބައްދަލުވެ، އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ކުރުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމެވެ.

މި ހަރަކާތުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން ބައިވެރިވެ، އީދުގެ ތަހުނިޔާ ބަދަލުކޮށްފައިވެއެވެ.
އީދު ނަމާދަށްފަހު މަގުމަތީގައި ސައި ހަދައިގެން ގިނަ ބަޔަކު އެއްވެ އުޅުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ރީތި ސަގާފަތެކެވެ. އުރީދޫން އަންނަނީ ކޮންމެ އަހަރެއްގެވެސް އީދާ ގުޅުވައިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ސަޔާއި، އީދު ބޯކިބާ ބެހުމުގެ އިތުރުން ކުޑަކުދިންނަށް އީދު ހަދިޔާ ދިނުން ފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މިއަހަރުގެ ފިތުރު އީދާ ގުޅިގެންވެސް އުރީދޫން ވަނީ މުވާސަލާތީ ޚިދުމަތްތަކުން ޚާއްސަ އޮފާތަކެއް ތައާރަފުކުރުމުގެ އިތުރުން، އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ރާވައިފައެވެ. އޭގެ ތެރޭގައި ރަށްރަށުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ސްޕޮންސާޝިޕް ދިނުމާއި، ކުޑަކުދިންގެ ހަވީރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.