ކުދިންތަކަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ، ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިއްޖެ: ފުލުހުން

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ, ގ. މާވަނި، ޙުސައިން ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މާކެޓިން ދާއިރާގައި ވަރަށް އިސްކޮށް އުޅުނު ސަނީ އުމަރަށް ތުހުމަތު ކުރެވެނީ, އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.

މި މަހުގެ ދެ ވަނަ ދުވަހު ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށް ހައްޔަރު ކުރި ސަނީ އުމަރުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ސަނީ އުމަރު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ.

"ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައި," ފުލުހުން ބުންޏެވެ.

https://www.sun.mv/214812

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނީ، މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށެވެ.

ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުން ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސް ކުންފުނިން ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި، ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.

comment ކޮމެންޓް