ޕެރިސްކޯޕް ކެމެރާއަކާއި ތުނި ބޭޒަލްތަކާއެކު ޝިއޯމީއިން އައު ފޯނެއް އުފައްދަނީ

މި ފޯނަކީ މިހާރު ހުރި މޮޑެލްތަކަށް "ކުދިކުދި" ބަދަލުތަކެއް ގެނެސްގެން ތައާރަފްކުރާ ފޯނެއް ---

ޕެރިސްކޯޕް ކެމެރާއަކާއި ތުނި ބޭޒަލްތަކާއެކު ޝިއޯމީގެ އެންމެ ފަހުގެ ފްލެގްޝިޕް "ޝިއޯމީ 17" ސީރީޒްގައި މިހާރު ހިމެނޭ ހަތަރު މޮޑެލްގެ އިތުރުން، ފަސްވަނަ މޮޑެލްއެއް ބާޒާރަށް ނެރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ސީރީޒްގައި މިހާތަނަށް ހިމެނެނީ ޝިއޯމީ 17، ޝިއޯމީ 17 ޕްރޯ، ޝިއޯމީ 17 ޕްރޯ މެކްސް އަދި އެންމެ ފަހުން ލޯންޗުކުރި ޝިއޯމީ 17 އަލްޓްރާއެވެ.

މަޝްހޫރު ޓިޕްސްޓާ "ޑިޖިޓަލް ޗެޓް ސްޓޭޝަން" އާ ހަވާލާދީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އައު ފޯނަކީ މިހާރު ހުރި މޮޑެލްތަކަށް "ކުދިކުދި" ބަދަލުތަކެއް ގެނެސްގެން ތައާރަފްކުރާ ފޯނެކެވެ. މި ފޯނު މިހާރު ޓެސްޓްކުރަމުންދާ ކަމަށްވެސް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

މި އައު ފޯނުގައިވެސް ބޭނުންކުރާނީ ޝިއޯމީ 17 ސީރީޒްގެ އެހެން ފޯނުތަކުގައިވެސް ބޭނުންކޮށްފައިވާ ކުއަލްކޮމްގެ "ސްނެޕްޑްރެގަން 8 އެލީޓް ޖެން 5" ޗިޕްސެޓެވެ. އަދި މި ފޯނުގައި ހުންނާނީ 6.8 އިންޗި ނުވަތަ 6.9 އިންޗީގެ ފްލެޓް ޑިސްޕްލޭއެއް ކަމަށާއި، ފޯނުގެ ބޭޒަލްތައް ނުވަތަ އަރިމަތީގެ ރިމްތައް "އަލްޓްރާ ނެރޯ" ނުވަތަ ވަރަށް ތުނިވާނެ ކަމަށް ބެލެވެއެވެ.

ކެމެރާއަށް ބަލާއިރު މި ފޯނުގައި ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެއް ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ބެލެވޭ ގޮތުގައި މި ފޯނު ރަސްމީކޮށް ލޯންޗުކުރާނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައެވެ.

މި އައު ފޯނުގެ ވާހަކަތައް ފެންމަތިވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޗައިނާގައި "ޝިއޯމީ 17 އަލްޓްރާ" ލޯންޗުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ޝިއޯމީ 17 އަލްޓްރާގެ އެންމެ އާދައިގެ މޮޑެލްގެ އަގު 6,999 ޔުއާން (ގާތްގަނޑަކަށް 983 ޔޫއެސް ޑޮލަރު) ގައި ހުރި އިރު، އެންމެ މަތީ މޮޑެލްގެ އަގު އުޅެނީ 8,499 ޔުއާން (ގާތްގަނޑަކަށް 1,194 ޔޫއެސް ޑޮލަރު) ގައެވެ.

ޝިއޯމީ 17 އަލްޓްރާގެ ސިފަތަކަށް ބަލާއިރު، މީގައި ހިމެނެނީ 6.9 އިންޗީގެ އެމޯލެޑް ޑިސްޕްލޭއެކެވެ. މީގެ އިތުރުން 6,800 މިލީއެމްޕަޔާގެ ބޮޑު ބެޓެރީއަކާއި، 90 ވޮޓް ގެ ވަޔާޑް ޗާޖިން އަދި 50 ވޮޓްގެ ވަޔާލެސް ޗާޖިންގ ސަޕޯޓް މި ފޯނުގައި ހިމެނެއެވެ.

މި ފޯނުގައި ހިމެނޭ ތިން ކެމެރާގެ ތެރޭގައި 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 50 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެއްގެ އިތުރުން 200 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެއް ހިމެނެއެވެ.

މި ފޯނު މިހާރު ޗައިނާގައި ކަޅު، ހުދު، ދަނބު އަދި ފެހި ކުލައިގައި ލިބެން ހުރެއެވެ.

comment ކޮމެންޓް