އެންމެ ބޮޑު ގޮންޖެހުމަކީ ނަފްސާނީ ބަލިމަޑުކަން, އިތުރު ޑޮކްޓަރުން އެބަ ހޯދަން: ނާޒިމް

ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަފްސާނީ ބަލިމަޑުކަން އިތުރުވުން ކަމަށާއި އެކަން ހައްލު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް, ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެއަކީ ވެސް އާބާދީގެ ނިސްބަތުން ނަފްސާނީ މައްސަލަތައް ގިނަ ގައުމެކެވެ. ނަމަވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ދިގު ކިޔޫއެއްގައި ތިބެން ޖެހުމަކީ އެތައް ބަޔަކަށް ތަކުލީފަކަށް ވެފައިވާ ކަމެކެވެ.

އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލިމަޑުކަން އިތުރުވުމުގެ ގޮންޖެހުން އޮތީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށާއި މުޅި ދުނިޔޭގެ ސިއްހީ ނިޒާމަށް ވެސް އެ ގޮންޖެހުން ވަނީ ކުރިމަތިވެފައި ކަމަށެވެ. އަދި ޚާއްސަކޮށް ފުރާވަރު ކުދިންގެ ތެރޭގައި މި މައްސަލަ ބޮޑު ކަމަށް ވިދާޅުވިއެވެ.



ނަފްސާނީ ބަލިމަޑުކަން ކުޑަ ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ މިފަދަ ބައްޔަކަށް އާއްމުން ހުށަހެޅުން ކުޑަ ކުރެވޭނެ ގޮތަކަށް, މުޖުތަމައުގެ ކަންކަން ބައްޓަން ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގެ މާނައަކީ ކަސްރަތު ކުރުމާއި ވަޒީފާގެ މާހައުލުގައި ލިބެން ޖެހޭ ރައްކާތެރިކަން ލިބުމާއި އާއިލާގެ ތެރޭގައި ލިބެން ޖެހޭ ރައްކާތެރިކަން ލިބުމާއި ކަމެއް ދަތިވެއްޖެނަމަ އެހީތެރިކަން ހޯދާނީ ކޮން ބައެއްގެ ފަރާތުންކަން ކަށަވަރު ވެފައި އޮތުމާ މިކަންތައްތައް," މިނިސްޓަރު ވިދާޅުވިއެވެ.

އެކަން ކުރުމަށްޓަކައި މި ސަރުކާރުން އެންމެ އިސްކަން ދީގެން ކުރި އެއް ކަމަކީ 24 ގަޑިއިރު ޚިދުމަތް ދޭ, މެންޓަލް ހެލްތު ހެލްޕްލައިނެއް ގާއިމު ކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ތަނުން ޚިދުމަތް ހޯދާ މީހުން ވަރަށް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ވެސް ނަފްސާނީ ފަރުވާ ދޭ ޑޮކްޓަރުން އިތުރު ކުރުމާއި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ފަހުން ނ. އަތޮޅު ހޮސްޕިޓަލުގައި ސައިކޭޓިސްޓެއްގެ ޚިދުމަތް ފަށާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކުގައި ވެސް އެ ޚިދުމަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަފްސާނީ މައްސަލަތަކަށް އަވަސް ފަރުވާއެއް ލިބުމަކީ ވަރަށް ބޮޑު ހައްލެއް ކަމަށާއި އެކަން ކުރުމަށް ގާއިމު ކުރަން ޖެހޭ އިންތިޒާމުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް