އެސްޓީއޯއިން ބޭސް އެތެރެކުރަން ފެށުމުން ހާލަތު ރަނގަޅުވެއްޖެ، ބޭސް ކުންފުންޏާއެކު އިތުރަށް ރަނގަޅުވާނެ: ނާޒިމް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރު ކުންފުނި، އެސްޓީއޯއިން ބޭސް އެތެރެކުރުން ގިނަ ކުރުމުން ބޭހުގެ ދަތިކަން ކުރިއަށް ވުރެ ރަނގަޅުވެއްޖެ ކަމަށާއި ބޭސް އެތެރެ ކުރަން ސަރުކާރުން އަލަށް އުފެއްދި ކުންފުނީގެ މަސައްކަތާއެކު، އިތުރަށް ހާލަތު ރަނގަޅު ވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

ބޭސް ނުލިބޭ ކަމުގެ ޝަކުވާ ދޭތެރެއަކުން ސޯޝަލް މީޑިއާގައި ކުރެއެވެ. އެ ކަން ހައްލުވާނެ ކަމަށް ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް، މިހާތަނަށް އެ ކަމަށް އެދެވޭ ހައްލެއް ނާދެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި އެ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، އާސަންދަ ނިޒާމު ރިފޯމުކުރުމުން ބޭހުގެ އަގުތަކަށް ބައެއް ބަދަލުތައް އައި ކަމަށެވެ. އެ ކަން ހައްލުކުރުމަށްޓަކައި، އެސްޓީއޯއިން ގެންނަ ބޭހުގެ އަދަދު އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެސްޓީއޯ ފާމަސީއެއް: ހަމައަށް ބޭސް ނުލިބޭ ޝަކުވާ މިހާރު ވަރަށް އާންމު -- ފޮޓޯ/ އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސް

އެހެންވެ، ކުރިއަށް ވުރެ ބޭހަށް ދަތިވުމުގެ ހާލަތު މިހާރު ރަނގަޅު ކުރެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިން އެސްޓީއޯއިން ގެންނަ ބޭހުގެ ބްރޭންޑުތައް ނުވަތަ ޖެނެރިކް އެތައް ސަތޭކަ ވައްތަރަކަށް މިހާރު އިތުރުކުރެވި، އެސްޓީއޯގެ ސަޕްލައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިތުރުކޮށްފިން. އޭގެ ސަބަބުން ކުރިން އޮތް ދަތި ހާލަށް ވުރެ ރަނގަޅު ހާލަތަކަށް މިހާރު އާދެވިއްޖެ ކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވޭ," ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ، ބޭހުގެ މައްސަލައަށް ހައްލު ގެނައުމަށް ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގައިޑްލައިންތަކުގައި އެކި މަރުހަލާތަކުގައި ބޭސް ފަރުވާ ކުރުމުގައި ޑޮކްޓަރުން އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ކަންކަމުގެ ސަބަބުން ބޭހުގެ ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސްގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދާފައެވެ.

އެ ކުންފުންޏާ ގުޅުވައި މިނިސްޓަރު ވިދާޅުވީ، އެތަނުގެ މަސައްކަތްތައް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

"އެ ކުންފުނި މުޅިން ފަންކްޝަން ވީމައި މިހާރު ހުރި މައްސަލަތަކަށް މާބޮޑު ލުއިތައް ލިބި، މާ ބޮޑެތި ހައްލުތައް ލިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން," މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެއިތުރަށް، ބޭހަށް ޚާއްސަ ކުންފުންޏެއް އޮތުމަކީ، ބޭހުގެ ގިނަ ކަންކަން ކުރެވި، ނަތީޖާ ރަނގަޅު ވާނެ ކަމެއް ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ.

comment ކޮމެންޓް