އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ސަން ފޮޓޯ: އާއިޝް އަޝްރަފް

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ މަގާމަށް ކުރިމަލެވޭނީ އަދާލަތު ޕާޓީގެ ދަފުތަރުގައި އިއްޔެއާ ހަމައަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އަންނަ މަހު އަށެއްގެ 16:00ގެ ކުރިން، އޮންލައިން ފޯމެއް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ވަކި ޝަރުތުތަކެއް އެ ޕާޓީން ވަނީ، ކަނޑައަޅާފައެވެ. މިގޮތުން:

  • މުސްލިމަކު ކަމުގައިވުން.
  • ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ބޭރު ގައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.
  • ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.
  • ޕާޓީގެ މެންބަރެއް ކަމުގައިވުން.
  • މީލާދީ ސަނަތުން 30 އަހަރު ފުރިފައިވާ މީހަކަށްވުން
  • ދީނުގައި ޙައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން
  • ޚިޔާނަތުގެ މައްސަލައެއް ނުވަތަ ބަދުއަޚުލާގީ މައްސަލައެއް ޝަރީޢަތުން ސާބިތުވެފައިވާ މީހަކަށް ނުވުން
  • ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅެ، ޕާޓީގެ އުޞޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކަށްވުން
  • ސަނަދުގެ ފެންވަރު ބަލާ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ގަބޫލުކުރާ ޔުނިވާސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށް، މަދުވެގެން ތިން އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ފޮޓޯ/ އަދާލަތު ޕާޓީ

އަދާލަތު ޕާޓީން ބުނީ، ރައީސް ކަމަށް އެންމެ މީހަކު ކުރިމަތިލައިފިނަމަ، އެ މަގާމަށް އެ މީހަކު ހޮވުމަށް ންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެ ކަމަށެއެވެ. އެކަމަކު، އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ، ރައީސަކު އިންތިޚާބުކުރުމަށް ޕާޓީގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގަން އެ ޕާޓީން ވަނީ ނިންމާފައެވެ.

އެ އިންތިޚާބު އޮންނާނީ، އަންނަ މަހު 31ގައި ކަމަށްވާއިރު، އިންތިޚާބުގައި ވޯޓު ލެވޭނީ ވެސް އިއްޔެއާ ހަމައަށް އާދަލަތު ޕާޓީގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލިއިރު، މިދިޔަ އޭޕްރީލް 30ގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، ޕާޓީގެ ރައީސްކަމަށް ވާދަ ކުރައްވާނެކަން ހާމަކުރައްވާފައެވެ.

https://www.sun.mv/205437

އަދާލަތު ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝަހީމް އެ ޕާޓީއިން ވަކިވެވަޑައިގަތީ 14 ފެބްރުއަރީ 2017 ގައެވެ. އޭނާ އެ ފަހަރު ޕާޓީން ވަކިވީ އޭރު އޮތް ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް, އެ ޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.

comment ކޮމެންޓް