އޮޕަރޭޝަން ރިވެލި: 3986 މީހުންނާ ސުވާލުކޮށް، 29 މީހުން ހައްޔަރުކޮށްފި

ފުލުހެއް މަގުން ދުއްވާފައިދިޔަ ސައިކަލެއް ހުއްޓުވާފައި ސުވާލުކުރަނީ----ފޮޓޯ: ޕޮލިސް

އާ އަހަރު ފެށުމާ ގުޅުވައި ފުލުހުން މާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން "ރިވެލި"ގެ ތެރެއިން މިހާތަަނަށް މާލެއާއި ހުޅުމާލެއިން 3986 މީހަކު ހުއްޓުވައި ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުގައި އޮޕަރޭޝަން ރިވެލީގެ ތެރެއިން މި މަހުގެ 24 އިން 28އަށް، މާލެއިން 1693 މީހުން ހުއްޓުވައި ސުވާލުކޮށް 26 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި ހުޅުމާލެއިން 2293 މީހުން ހުއްޓުވައި ސުވާލުކޮށް، ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާލެއިން ބަލައި ފާސްކުރި 1693 މީހުންގެ ތެރެއިން 95 މީހުންނަކީ ބިދޭސީން ކަމަށެވެ. އަދި ހުޅުމާލެއިން ހުއްޓުވައި ސުވާލުކުރެވުނު 2293 މީހުންގެ ތެރެއިން 46 މީހުންނަކީ ބިދޭސީން ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުން ދައްކައެވެ.

މި ތަފާސް ހިސާބުން ދައްކާގޮތުގައި ފުލުހުން ވަނީ މާލޭގެ 6491 ސަރަހައްދެއް ބަލައިފާސްކޮށް، 1954 އުޅަނދެއް ޗެކްކޮށްފައެވެ. މި އޮޕަރޭޝަން ތެރެއިން 397 މީހުން ޖޫރިމަނާކޮށްފައިވެއެވެ. އަދި ހުޅުމާލޭގެ 1879 އުޅަނދެއް ޗެކްކޮށް، 28 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ދައްކައެވެ.

ރިވެލި އޮޕަރޭޝަނަކީ ކޮންމެ އަހަރެއްގެވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަނެކެވެ. މިއަހަރު މި އޮޕަރޭޝަން ފަށާފައިވަނީ ބުދަ ދުވަހެވެ. އަންނަ ހުކުރު ދުވަހާ ހަމައަށް މި އޮޕަރޭޝަން ކުރިއަށްދާނެއެވެ.

ފުލުހުން މަގުމަތިން ދުއްވި ސައިކަލެއް ހުއްޓުވައި ސުވާލުކުރުމުގައި----ފޮޓޯ: ޕޮލިސް މީޑިއާ

މިއަހަރުގެ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެއެވެ.

މި އަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށްދާނެކަމަށް ފުލުހުން ބުންޏެވެ. އަހަރީ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ކުށްވެރިންގެ އަދަދާއި ކުށްތައް ގިނަވާކަމުގައި އެ މުއައްސަސާއިން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) ގާއިމުކޮށް މީހުންނާ ސުވާލުކޮށް، އުޅަނދުތައް ޗެކްކުރާނެ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ވައްކަމާއި ފޭރުން ހުއްޓުވުމާއި ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

https://www.sun.mv/215816

މީގެ އިތުރުން، ސައިލެންސަރު މޮޑިފައިކޮށް، އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވުމުގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅޭ ކޮންމެ މީހަކު ވެސް ހުއްޓުވައި ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް