ނޭޕާލްގެ ބޮޑުވަޒީރުގެ މަގާމަށް ކުރީގެ ރެޕާ، ބަލެންދްރަ ޝާހު ވާދަކުރަނީ

ނޭޕާލްގެ ބޮޑުވަޒީރުގެ މަގާމަށް ވާދަކުރާ ބަލެންދްރާ ޝާހު.ފޮޓޯ/ރޮއިޓާސް

ނޭޕާލުގައި މާޗް މަހު ބާއްވާ ޕާލަމެންޓްރީ އިންތިޚާބުގައި ވެރިރަށް ކަތުމަންޑޫގެ މޭޔަރު އަދި ކުރީގެ ރެޕާ ބަލެންދްރާ ޝާހު ނުވަތަ ބަލެން ވާދަކުރަން ނިންމާފައިވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

އެގޮތުން ބަލެންގެ ވަނީ ކުރީގެ ޓީވީ ހޯސްޓު އަދި ފަހުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ރަބީ ލަމިޗާނޭ އިސްކޮށް ހުރެގެން އުފެއްދި ރާސްޓްރިއާ ސްވަޓަންޓްރާ ޕާޓީ (އާރުއެސްޕީ) ނުވަތަ ގައުމީ މިނިވަން ޕާޓީއާ ގުޅިފައި ކަމަށް ޕާޓީގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

އޮފިޝަލު ބުނީ އާރުއެސްޕީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަހެއް މާޗްގައި ބާއްވާ އިންތިހާބު އާރުއެސްޕީއަށް ކާމިޔާބު ކުރެވިއްޖެ ނަމަ ބަލެން ބޮޑުވަޒީރަކަށް ވާއިރު ލަމިޗަނޭ ހުންނާނީ ޕާޓީގެ ވެރިޔާގެ މަގާމުގައި ކަމަށެވެ.

ދެމީހުން ވެސް ވަނީ ސެޕްޓެމްބަރު "ޖެން ޒީ" ނުވަތަ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ހުށަހެޅި ޑިމާންޑުތަކަށް ހައްލެއް ހޯދުމަށް ވައުދުވެފައެވެ. އެ މުޒާހަރާތަކުގައި 77 މީހުން މަރުވެ, ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވަން މަޖުބޫރުވިއެވެ.

"ބަލެން އާއި އޭނާގެ ޒުވާން ސަޕޯޓަރުން އެ ޕާޓީއަށް ގެނައުމަކީ އާރުއެސްޕީން އެޅި ވަރަށް ސްމާޓް އަދި ސްޓްރެޓެޖިކް ފިޔަވަޅެއް." މަޝްރަހު ދިރާސާކުރައްވާ ބިޕިން އަދީކާރީ ވިދާޅުވިއެވެ.

"ސަގާފީ ސިޔާސީ ޕާޓީތަކުން ތިބީ ޒުވާނުންގެ ވޯޓު އާރްއެސްޕީއަށް ދާނެތީ ކަންބޮޑުވެފައި."

މުޒާހަރާތަކަށް ފަހު، ބޮޑުވަޒީރުގެ މަގާމަށް ބަލެން ގެންނަން ބޭނުންވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ޒުވާނުން އިސްނަގައިގެން ނޭޕާލްގައި ކުރި މުޒާހަރާ.ފޮޓޯ/އަލް ޖަޒީރާ

ކަތުމަންޑޫގެ މޭޔަރެއްގެ މަގާމުގައި ހުރި އުމުރުން 33 އަހަރުގެ ކުރީގެ ރެޕާ އަދި އިންޖިއަނަރު ޝާހު އަކީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލައި ހަރުދަނާ އިސްލާހުތައް ގެނައުމަށް ވާކާލާތުކޮށް އެކަން ކަމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމުން ޒުވާނުންގެ މެދުގައި އޭނާ ވަނީ މަގުބޫލުވެފައެވެ.

ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް ޖެން ޒީން އިސްކޮށް ތިބެ، ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް ޝާހު ވަނީ ފާޅުގައި ތާއީދުކުރައްވާފައެވެ. ނޭޕާލްގެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އޭނާ ފާހަގަވެގެން ދިޔައީ އާދަޔާ ހިލާފު ލީޑާޝިޕް ސްޓައިލްގެ ސަބަބުންނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ކަތުމަންޑޫއަށް އުފަންވި ޝާހް ވަނީ ނޭޕާލުން ސިވިލް އިންޖިނިއަރިން ކިޔަވައި އިންޑިއާގައި ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފައެވެ. ޓައިމް މެގަޒިން އިން ވަނީ 2023 ވަނަ އަހަރުގެ ޓޮޕް 100 އިމާޖިން ލީޑަރުންގެ ތެރޭގައި ޝާހުގެ ނަން ލިސްޓުކޮށްފައެވެ.

ނޭޕާލްގައި މުޒާހާރާތައް ކުރީ އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.

މުޒާހަރާތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ އިސްތިއުފާދެއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް