އަންނަ އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މާވެލް ސްޓޫޑިއޯގެ "އެވެންޖާސް: ޑޫމްސްޑޭ"ގެ ޓީޒާއެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ނުވަދިހަ ސިކުންތުގެ މި ޓީޒާއިން އެކްޓަރު ކްރިސް އީވަން ކުޅެފައިވާ ސްޓީވް ރޮގަސްގެ ކެރެކްޓަގެ އެނބުރިއައުން ކަށަވަރުކޮށްދީފައިވާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. މި ފިލްމަކީ ހޮލީވުޑްގެ މަގުބޫލު ސުޕަހީރޯ ފިލްމު ސީރީސް "އެވެންޖާސް"ގެ ފަސް ވަނަ ފިލްމެވެ. އެ ސީރީސްގެ އެންމެފަހު ފިލްމު ބެލުންތެރިންނަށް ގެނެސްދިނީ 2019 ވަނަ އަހަރެވެ. އެއީ "އެވެންޖާސް: އެންޑް ގޭމް"އެވެ.
ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ޑައިރެކްޓަރަކީ ފަސް ވަނަ ފިލްމު ވެސް ގެނެސްދިން އެންތަނީ އާއި ޖޯ ރުސޯއެވެ. މި ފިލްމުގެ ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.

މާވެލް ސްޓޫޑިއޯގެ "އެވެންޖާސް: ޑޫމްސްޑޭ"ގެ ޑޮކްޓަ ޑޫމްސްގެ ކެރެކްޓާ ކުޅޭ އެކްޓަރު ރޮބަޓް ޑައުނީ--ފޮޓޯ/ދަގާޑިއަން
ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"އިން މިފަހަރު ފެންނާނެ ތަރިންގެތެރޭ ކްރިސް ހެމްސްވޯތު، ވަނެސާ ކާބީ، އެންތަނީ މެކީ، ސެބަސްޓިއަން ސްޓަން، ލެޓިޓިއާ ރައިޓް، ޕޯލް ރަޑް، ވިއަޓް ރަސަލް، ސިމު ލިއު، ފްލޮރެންސް ޕޫ، ޑޭވިޑް ހާބާ، ޓޮމް ހިޑެލްސްޓަން، ޖޯސެފް ކްއިން، އިޔާންސް މެކެލެން ޗާނިން ޓޭޓަމް، ޕެޑްރޯ ޕާސްކަލް އަދި ރޮބަޓް ޑައުނީ ޖޫނިއާ ހިމެނެއެވެ.
ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ޓީޒާ އިންސްޓަގްރާމްގައި ހިއްސާކުރަމުން ފިލްމުގެ ޑައިރެކްޓަރުންގެ ޓީމުން ބުނީ ފިލްމުގައި ގެނެސްދޭ ސްޓީވް ރޮގަސްގެ ކެރެކްޓާ އަކީ ވަރަށް ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލި ކެރެކްޓާއެއް ކަމަށާއި އެހެންވެ އަނބުރާ އެ ކެރެކްޓާ އަލުން ބެލުންތެރިންނަށް ނުގެނެސްދީ ފިލްމު ފުރިހަމަ ނުވާނެ ކަމަށެވެ.
މި ސީރީސްގެ އެންމެފަހު ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީގެ އަދަދު2.799 ބިލިއަން ޑޮލަރަށް އަރާފައިވާއިރު އަންނަ އަހަރު ގެނެސްދޭ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ރެކޯޑު އަދަދެއްގެ އާމްދަނީ ލިބޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.