މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ މައްޗަށް ކުރިން ސާބިތުނުވި ވައްކަމުގެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ ނުވަ މަހަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ، 2016 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ގ. ނިޔުޝާރާޒުގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ވިއު ކޮންސްޓްރަކްޝަންސް އޮފީސް ފަޅާލައި އެ ތަނުގައި ހުރި ދެ ތިޖޫރީއަކަށާއި އެނޫންވެސް ބައެއް ތަކެއްޗަށް ގެއްލުންދީ ވައްކަންކުރި މައްސަލައެވެ.
މި މައްސަލައިގައި އަރުޝަދުގެ މައްޗަށް ވަނީ ވައްކަންކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާކޮށްފައެވެ. އެކަމަކު ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ނިންމީ އޭނާގެ މައްޗަށް ދެ ދައުވާވެސް ސާބިތުނުވާ ކަމަށެވެ. އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވަނީ އެ މައްސަލަތައް އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގައިފައެވެ.
ހައިކޯޓުގެ އަމުރަށް މި ދެ މައްސަލަ އަލުން ބަލައި މިއަދު ހުކުމް ކުރީ ދެ މައްސަލަވެސް ސާބިތުވާކަމަށެވެ. ދެ މައްސަލައިގެ ތެރެއިން ވައްކަންކުރަން އުޅުމުގެ ކުށުގެ މައްސަލަ ސާބިތުވެ، ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވިއެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެ، ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވިއެވެ. އެކަމަކު އޭނާ މި މައްސަލަތަކުގައި ތަންފީޒު ކުރަން ޖެހޭނީ ކުރިން ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު ދެން ބާކީ އޮތް މުއްދަތެވެ.
އަރުޝަދުގެ މައްޗަށް މި މައްސަލަތައް ފުރަތަމަ ސާބިތުނުވުމުން، އިސްތިއުނާފު މަރުހަލާގައި އެ މައްސަލަތައް އަލުން ބަލަން އަންގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަރުޝަދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނި އެ ދައުވާތައް ސާބިތުކުރުމަށް އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް އެއްގޮތަކަށްވެސް ބެލުމަކާ ނުލައި ކަމަށެވެ.
އެގޮތުން އެ އޮފީހުގެ މޭޒެއް މަތިން ނެގި ފައިވާން ޕްރިންޓަކާ އަރުޝަދުގެ ފައިވާން ކިބައާ ދިމާވާ ކަމަށް ދައުލަތުން ބުނި ނަމަވެސް ޝަރީއަތުން އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ. އަދި މި މައްސަލަތަކުގައި ހުށަހެޅި ވީޑިއޯ އިމޭޖް އެނާލިސިސް ރިޕޯޓް ފޫޓޭޖުތަކުގައި ފެންނަ މީހާއަކީ އަރުޝަދު ކަމަށް ބެލެވޭކަމަށް ދައުލަތުން ފާހަގަކުރި ނަމަވެސް އެކަމަށް ވެސް ޝަރީއަތުން ރިއާޔަތްކޮށްފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.
ކްރިމިނަލް ކޯޓުން މިއަދު، އަރުޝަދުގެ މައްޗަށް ހުކުމް ކުރީ ގާޒީ އަލީ ނަދީމެވެ.
އަރުޝަދަކީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު އޮންނަ މީހެކެވެ.
ދެހާސް ވިހި ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަރުޝަދު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ އޭރު މިނިވަންވިއެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ފުލުހުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލާގައި ވެސް އަރުޝަދުގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުކުރިއެވެ.
އޭގެ ފަހުން އޭނާ ހައްޔަރުކުރަން ބެލިއިރު އޭނާ ވަނީ ދުބާއީއަށް ގޮސް ފިލައިފައެވެ. އަދި ފަހުން އޭނާ ލަންކާގައި ހުއްޓާ، އޭނާ ބަންދުގައި ބަހައްޓައިގެން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ހައިކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ.
އެ މައްސަލައިގައި، އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ދޫކޮށްލިއެވެ. އޭރު ޕީޖީ އޮފީހުން ވަނީ އަރުޝަދު ދޫކޮށްލަން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް ބުނެފައެވެ.