ތިލަމާލެ ބުރިޖު އަވަސްކުރަން އިންޑިއާއާ އެކު އެބަ މަޝްވަރާކުރަން: މުއްތަލިބު

ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަސައްކަތް އަވަސްކުރަން ވާހަކަދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްކުރަން، އެ ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި އެ ގައުމުގެ ސަރުކާރާ ވާހަކަދައްކަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބުރިޖުގެ 67.35 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. ބުރިޖުގެ މަސައްކަތް މިހާރު ދާ ދުވެލީގައި ކަނޑައަޅާފައިވާ ތާރީޚަށް ނުނިންމިދާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރުކުރެއްވިއެވެ.

"ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ އެއްކޮށް އެބަ މަސައްކަތްކުރަން އަޅުގަނޑުމެންނަށް މަސައްކަތް އަވަސްކުރެވޭނީ ކިހިނެއްތޯ، މީގަ އެބަހުރި އަޅުުގަނޑުމެންނަށް އެބަ އެނގޭ ކުރިން 30 މަސްދުވަހުގެ އެކްސްޓެންޝަންއެއް ދީފައި އޮތްކަން ކޮންޓްރެކްޓަރަށް އިތުރު ފައިސާއެއް ނުލިބޭގޮތަށް، އެހެން ނަމަވެސް ކޮންޓްރެކްޓަރު މިހާރު އެ 30 މަސްދުވަހާ ގުޅިގެން އެބަ ވިދާޅުވޭ ކޭޝްފްލޯގެ ދަތިކަމެއް ހުރި ވާހަކަ،" މިނިސްޓަރު ވިދާޅުވިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

"ދެން މިހާރު އަޅުގަނޑުމެން އެ ބޭފުޅުންނާއި އިންޑިއާ ސަރުކާރާ ވާހަކަދައްކައިގެން އަވަސްކުރެވޭނެ ގޮތެއް ވޭތޯ މަސައްކަތްކުރަމުން މި ގެންދަނީ،"

މިހާރުގެ އެއްބަސްވުން އުވާލައި އެހެން ބަޔަކާ އެ މަސައްކަތް ހަވާލުކުރުމުގެ ސަބަބުން އިތުރު ދަތިތައް ދިމާވާނެ ކަމަށް ވިދާޅުވެ، މުއްޠަލިބު ވިދާޅުވީ އެފްކޯންސް އާ އެއްކޮށް އާބިޓްރޭޝަނަށް ދާން ޖެހި، އެހެން ބަޔަކާ ހަވާލުކޮށްފިނަމަ ބުރިޖުގެ މަސައްކަތް ހަވާލުކުރުން ލަސްވުން އެކަށީގެންވާ ކަމަށެވެ.

މިހާރު މޫދު އަޑީގެ ސްޓްރަކްޗަރުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ސެގްމެންޓުތައް ގުޅާލުމުގެ މަސައްކަތް ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

ބުރިޖު ނިމުމަކީ ރާއްޖޭގެ އިގުތިޞާދަށް މުހިންމުކަމެއްގެ ގޮތުގައި އޭނާ ސިފަކުރައްވިއެވެ.

https://sun.mv/214307

ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިލިމާލެ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، ސަރުކާރުން ބޭނުންވި ދުވެލީގައި ބުރިޖުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓަރުގައި ބުރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވާ ތާރީޚަށް ނުނިމިދާނެ ކަމަށް މުއްތަލިބު ވިދާޅުވި ނަމަވެސް، ސީދާ ނިމޭނެ ތާރީޚެއް ވިދާޅެއްނުވެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިދިޔަ މަހުގެ 15 ވަނަ ދުވަހު ބުނި ގޮތުގައި ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތް ނިންމައި، މުޅި މަޝްރޫއުގެ 66 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް-- ފޮޓޯ: ރައީސް އޮފީސް

'ސަން'އިން ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބުރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތް އެއްކޮށް ނިމި، ޕައިލް ކެޕްގެ 98 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މުޅި މަޝްރޫއުގެ ޑެކަށް ބޭނުންވާ ޕްރީ ކާސްޓްގެ 75 ޕަސެންޓު ސެގުމަންޓުތައް ކާސްޓުކޮށް، ބުރިޖުގެ ތަނބުތައް ގުޅާލުމުގެ 36 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިހާތަނަށް މުޅި މަޝްރޫއުގެ 66 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން އެ ގައުމުގެ އެފްކޮންސް ކުންފުނިންނެވެ.

އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ އޭޕްރިލް މަހު އެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައިވާ ކަމަށެވެ. އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެފްކޮންސްއިން ތިލަމާލެ ބުރިޖުގެ މަސައްކަތާ ހަވާލުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2021ވަނަ އަހަރުގެ އޯގަސްޓު މަހު ކަމަށްވާއިރު، މަސައްކަތް ނިންމަން ފުރަތަމަ ދީފައި އޮތް ތާރީޚަކީ މިދިޔަ އަހަރެވެ.

އެ ބުރިޖު ނިންމަން ނުވަތަ ނުނިމޭނަމަ ބުރިޖުގެ ވަކި ބައެއް ހުޅުވަން ޞާލިޙްގެ ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އެ މަސައްކަތް ކުރެވިފައިނުވެއެވެ. އަދި، އެ ސަރުކާރު ނިމުމުގެ ކުރިން ސަޕްލިމަންޓަރީ އެގްރިމަންޓެއްގައި ސޮއިކޮށް އެ މަޝްރޫއު ނިންމަން އޮތް މުއްދަތު ވަނީ އަންނަ އަހަރަށް އިތުރުކޮށްފައެވެ.

އެ މަޝްރޫއު ލަސްވާތީ ޞާލިޙާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ރާއްޖޭގައި ސިނާއީ އެންމެ ބޮޑު މަޝްރޫއުތައް ފެއްޓެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އެ މަސައްކަތް ކުރިއަށްދާ ގޮތުން މި ދައުރުގައި ވެސް ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް