ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ސަރުކާރުން ކުޑަކުރާއިރު މިހާރު މިކުރާ އުސޫލާ ޚިލާފަށް, ނިކަމެތިންނަށް ޓާގެޓްކޮށްގެން އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން އެކި ފަހަރު މަތިން ވަނީ ކުރީ ސަރުކާރުތަކުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރައްވާފައެވެ. ބޮޑެތި ލޯނުތައް ނަގައިގެން ހަދާފައިވާ އެ ފުލެޓުތަކުގެ ކުލި އިރުއިރުކޮޅާ ބަދަލުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އެކަން އެހެން އޮއްވައި މި ފަހުން ސަރުކާރުން ވަނީ ހިޔާ ފުލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ވެސް އެއްކޮށް މައާފުކޮށްފައެވެ. މިއީ ގަވާއިދުން ކުލި ދެއްކި މީހުންނާ މެދުވި ނާއިންސާފެއް ކަމަށް ބުނެ ސަރުކާރަށް އަނެއްކާ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
https://www.sun.mv/215614
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އިރިއުކޮޅުން ކުލި ކުޑަކުރަނީ ކީއްވެގެންތޯ "ސަން"އިން ސުވާލުކުރުމުން މުއްތަލިބު ވިދާޅުވީ، ކުލި ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ހުށަހަޅާ ކަމަށެވެ. އަދި، ރާއްޖޭގައި ކުލި ކުޑަކުރާ އުސޫލު އޮންނަނީ "ބްލޭންކެޓް"ކޮށް ނުވަތަ އެންމެންނަށް އެއް އުސޫލަކުން އަމަލުކުރާ ގޮތަށް ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އެ ފަރާތްތަކަށް ޓާގެޓްކޮށްފައި ސަބްސިޑައިޒްކުރުން ތަންކޮޅެއް ދަތިތަކަމަކަށް ވާތީ ބްލޭންކެޓްކޮށް މިކޮށްލެވެނީ. އޭގެ ތެރޭގައި ތިބޭނެ އެންމެ ބޭނުންނުވާ ފަރާތްތަކަށް ވެސް ދެވިފައި. އެހެންވީމާ ބްލޭންކެޓްކޮށް ދޭތީވެ," މުއްތަލިބު ވިދާޅުވިއެވެ.
"މި ވަގުތު އެކަން ކުރެވެން އޮތް އެންމެ ފަސޭހަ އެންމެ ރަނގަޅު ގޮތަކަށް އެކަން ވާތީވެ އެކަން އެ ކުރަނީ. އެކަހަލަ މެކޭނިޒަމެއް އައުމަށް ފަހުގައި ޓާގެޓްކޮށްގެން ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ވެސް ގަބޫލު ކުރަން،"

މުއްތަލިބު ވިދާޅުވީ، މި ސަރުކާރު އައިއިރު ހިޔާ ފުލެޓު ފަދަ ތަންތަނުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުލި ނުދައްކާ ތިބި ކަމަށެވެ. އެކި މީހުން ކުލި ނުދައްކަނީ އެކި ބަހަނާ ދައްކައިގެން ކަމަށާއި އެއް ބަޔަކު ބުނާގޮތުގައި ކުލި ނުދައްކަނީ ކުރީ ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ބިން ބެހުމުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އެހާ ގިނަ ދުވަހު ކުލި ނުދައްކާ އޮތުމުން ގިނަ ބަޔަކު ބޮޑު ދަރަންޏެއް އޮތް ކަމަށާއި ސަރުކާރުން ކޮށްދިން ކަމަކީ އޭގެން ޖޫރިމަނާ މައާފުކޮށްދިނުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"ބޮޑު ދަރަންޏެއް ބޮލުގައި އެޅިފައި. ބޮޑު ޖޫރިމަނާއެއް ބޮލުގައި އެޅިފައި އޮތުމުން ދެން އެ ދެއްކުމަށް ވެސް ހުރަސްތައް ކުރިމަތިވޭ. އެހެންވީމާ ސަރުކާރަށް އެ ފައިސާ ހޯދަން ވެސް ދަތިވޭ. އެހެންވީމާ އަޅުގަނޑުމެން ގަބޫލު ކުރީ އަޅުގަނޑުމެން ޖޫރިމަނާ މައާފް ކޮށްފައި އެ ފަރާތަށް އިންސެންޓިވްއެއް ދީގެން ކުލި ދައްކަން ފެށިއްޖެކަމަށްވާނަމަ ސަރުކާރަށް ވެސް ފައިސާ އެބަ ލިބޭ. އަދި އެ ފަރާތަށް ވެސް ދަރަނިން ސަލާމަތްވާން ފަސޭހަވޭ," މުއްތަލިބު ވިދާޅުވިއެވެ.
ހިޔާ ފުލެޓުތަކުގެ ކުލި ނުދައްކާތީ އެޗްޑީސީއަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ. އެއީ އެ ފްލެޓް އެޅުމަށް ނަގާފައިވާ ބޮޑު ލޯނު ދައްކާނެ ފައިސާ ލިބުން ދަތިވާތީއެވެ.