ރާއްޖޭގައި އަލަށް ގާއިމުކުރާ އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އިހުޒަމާނުގެ ދިވެހި ރަސްރަސްކަލުން ދިރިއުޅުއްވި ބައެއް ތަންތަން، އިންޓަރެކްޓިވް އިމާސިވް މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއެވެ. ސަރުކާރުން އެފްޑީސީއާ މި މަސައްކަތް ހަވާލުކުރީ ސެޕްޓެންބަރު މަހެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް ފެށުމަށް އެފްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި، މިއުޒިއަމްގެ އެހެން މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަން"އަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރު އެފްޑީސީން މިއުޒިއަމްގެ ކުރެހުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި، އަންނަ މަހުގެ ފުރަތަމަ ހަފުތާގައި އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު މައުލޫމާތު ދެއްވިއެވެ.
އަދި، އިމާވިސް މިއުޒިއަމްއަށް ބޭނުންވާ ބައެއް ޓެކްނިކަލް ސަޕޯޓު ލިބިގަތުމުގެ ބޭނުމުގައި އެ ވުޒާރާއިން ޗައިނާގެ ފަންނީ ފަރާތްތަކާ ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"ޓެކްނޮލޮޖީއާ ބެހޭ ބައިތަކުގެ ފަންނީ އެހީ ހޯދުމާ ގުޅޭގޮތުން ޗައިނާގެ ފަންނީ މާހިރުންނާ މިނިސްޓްރީން ވާހަކަދައްކަމުން އެބަދޭ. މިހާރު ވެސް އެކަން އެބަކުރިއަށްދޭ. އަދި، އެފްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން އަޅުގަނޑުމެން މުޅި މަޝްރޫއުގެ އަގު ހާމަކުރާނަން،" ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ވަޒީރު ވަނީ މި މިއުޒިއަމަށް ދިވެހި ނަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އިމާސިވް މިއުޒިއަމްތަކަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކުރާ މިއުޒިއަމްތަކެކެވެ. ރާއްޖޭގައި މި މިއުޒިއަމް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ފަދަ ތަންތަން ހިމެނޭހެން އީޖާދީ ވިސްނުމެއްގައި ދިވެހި ތާރީޚު ތަޖުރިބާ ކުރެވޭނެ ތަނެއްގެ ގޮތުގައެވެ. އެ ގޮތުން، އެތަން ތަރައްގީކުރާނީ ދިވެހީންގެ ހަޟާރަތުގެ ހަގީގަތާއި ދައުލަތާއި ދިރިއުޅުން ދެމެހެއްޓުމުގައި އުފުލި ބުރަ، އެންމެ ޒަމާނީ ވަސީލަތްތަކުގެ އަލީގައި ފެންނަ ގޮތަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މި މަޝްރޫއުގެ ތެރޭގައި ހިމެނޭ އުސްގެކޮޅަކީ ރާއްޖޭގެ ރަސްކަމުގައި އުޅުއްވި ބައެއް ބޭފުޅުން ދިރިއުޅުއްވަން ބޭނުން ކުރެއްވި ތަނެއް ކަމަށްވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ ތަނުގައި ރެސްޓޯރަންޓެއް ހިންގަން 12 އަހަރަށް ކުންފުންޏަކަށް ކުއްޔަށް ވެސް ދިނެވެ. މިދިޔަ ސަރުކާރުގައި އެ އެއްބަސްވުން އުވާލާފައިވެއެވެ.
އޭގެ އިތުރަށް، އެ ސަރުކާރުގައި އުސްގެކޮޅު ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އާ ވެސް ހަވާލުކުރިއެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.
އުސްގެކޮޅު އެންމެ ފަހުން ބޭނުންކޮށްފައިވަނީ ސަލްޓަން ޕާކްގައި ހުންނަ ދާރުލްއާސަރެއްގެ ގޮތުގައެވެ.