މަކަރާއި ހީލަތުގެ މައްސަލައެއްގައި މި މަހުގެ ކުރީކޮޅު ފުލުހުން ހައްޔަރުކުރި އިންޑިއާގެ ފިލްމު ޑައިރެކްޓަރު ވިކްރަމް ބަޓްގެ ދެމަފިރިން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އިންޑިއާގެ އުދޭޕޫރު ކޯޓުން ބޭރުކޮށްލައިފިއެވެ.
ވިކްރަމްގެ ގާނޫނީ ޓީމުގެ ފަރާތުން ކަފާލާތުގެ ދަށުން އެ މީހުން ދޫކޮށް ދިނުމަށް އެދި ދެވަނަ ފަހަރަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގެތެރޭގައެވެ.
އުދޭޕޫރުގެ ކޯޓުން މައްސަލަ ކޯޓުން ބޭރުކޮށްފައި ވަނީ ވިކްރަމްގެ ދެމަފިރިންނާ ދެކޮޅަށް ހުށަހަޅާފައިވާ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ ކަމަށް ބުނެއެވެ.
ކޯޓުން ކުރިއަށް ގެންދާ ތަހުގީގުތަކުގެ އަލީގައި ކުރިއަށްހުރި ދުވަސްތަކުގައި މި މައްސަލައާ ގުޅުންހުރި އެހެނިހެން މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
އެފަދަ ދަނޑިވަޅެއްގައި ވިކްރަމްގެ ދެމަފިރިން ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އެހެން މީހުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް އުދޭޕޫރުގެ ކޯޓުގެ ޓީމުން ވަނީ ބުނެފައެވެ.

ވިކްރަމް ބަޓް އަނބިމީހާ ޝްވެތަމްބާރީ ބަޓް--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ރާޒް"ގެ ޑައިރެކްޓަރު ވިކްރަމް ބަޓް އާއި އޭނާގެ އަންހެނުން ޝްވެތަމްބާރީ ބަޓްގެ އިތުރުން އިތުރު ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފިލްމުތަކެއް އުފައްދަން ފަންޑުކުރި ފައިސާތަކެއް އަނބުރާ ރައްދު ނުކުރުމުގެ އިތުރުން ބައެއް ފިލްމުތަކުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓާލި މައްސަލައަކާ ގުޅިގެންނެވެ. މީގެއިތުރުން ފިލްމުތަކަށް ފަންޑުކުރި މީހާއަށް ކްރެޑިޓް ނުދީ އެކަމާ ގުޅިގެން ވެސް ވިކްރަމްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވެއެވެ.
"އިންދިރާ އައިވީއެފް"ގެ ނަމުގައި އައިވީއެފް ޚިދުމަތް ދެމުން އަންނަ ޑރ. އަޖޭ މުރްދިއާ ކިޔާ މީހެއްގެ އަތުން ވިކްރަމް ވަނީ 30 ކްރޯޑު ރުޕީސްގެ އިންވެސްޓްމަންޓަކަށް ފައިސާ ހޯދާފައެވެ.
ދެ މީހުންގެ މެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހަދަން ނިންމި ފިލްމުތަކުން ފައިދާގެ ގޮތުގައި ލިބޭ ފައިސާއިން 200 ކްރޯޑު އިންޑިއާ ރުޕީސް ޑރ.އަޖޭއަށް ދޭނެ ކަމަށް ވިކްރަމް ވަނީ އެއްބަސްވެފައެވެ.
ނަމަވެސް އިންވެސްޓްކުރި ފައިސާއަށް ހިޔާނާޔްތެރިވެ، އެއްބަސްވުމާ ވިކްރަމް ހިލާފުވެފައިވާ ކަމަށް ޑރ.އަޖޭ ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.