ޕްރަބާސްގެ ފިލްމު 'ފައުޒީ' ޑިސެމްބަރު މަހު ސިނަމާތަކަށް

ފިލްމު "ފައުޒީ"ގެ މަންޒަރެއްގައި ޕްރަބާސް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުތެރޭ އިއުލާނުކުރި އެކްޓަރު ޕްރަބާސްގެ ފިލްމު "ފައުޒީ"ގެ އާ ޕޯސްޓަރަކާ އެކު ފިލްމު ސިނަމާތަކަށް ދޫކޮށްލާ ތާރީޚު އިއުލާނުކޮށްފިއެވެ.

ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ޕްރަބާސް ލީޑް ރޯލްއިން ފެންނާނެ ފިލްމު "ފައުޒީ" އަކީ، އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން 1940 ގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭނެ ވަޠަނީ ފިލްމެކެވެ.

ފިލްމުގައި ޕްރަބާސް ފެންނާނީ 1940ގެ އަހަރުތަކުގެތެރޭ، އިންޑިއާގެ 'އާޒާދު ހިންދު ފޯސް'ގައި މަސައްކަތްކުރި ހިތްވަރުގަދަ އަސްކަރީ އޮފިސަރެއްގެ ރޯލްއިންނެވެ.

ހަނޫ ރާގަވަޕުޑީ ޑައިރެކްޓްކޮށް ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދިން މައިތްރީ މޫވީ މޭކާސްއިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޕްރަބާސްއާ އެކު އަނޫޕަމް ހޭރު މުހިއްމު ރޯލަކުން ފެންނާނެ "ފައުޒީ" ބެލުންތެރިންނަށް ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. މި ފިލްމަކީ ހަނޫ ރާގަވަޕުޑީއާ އެކު ޕްރަބާސް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ފިލްމު "ފައުޒީ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމު "ފައުޒީ" ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހަށެވެ.

ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމު "ބާހްބަލީ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ޕްރަބާސްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "ސްޕިރިޓް"ގެ އިތުރުން ޑައިރެކްޓަރު ނާގް އަޝްވިން ޕްރަބާސްއާ އެކު ގެނެސްދިން ފިލްމު "ކަލްކީ"ގެ ދެވަނަ ބައި ހިމެނެއެވެ.

comment ކޮމެންޓް