ދާދިފަހުން ރިލީޒްކުރާނެ ތާރީޚު އިއުލާނުކުރި ބޮލީވުޑްގެ ހިންދީ ރިމޭކް ފިލްމު "ދްރިޝްޔަމް 3"އިން އެކްޓަރު އަކްޝޭ ކަންނާ ވަކިވުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު ކުމާރު މަންގަތު ޕަތަކް ވަރަށް ބޮޑަށް އެކްޓަރަށް ފާޑުކިޔައިފިއެވެ.
ބޮލީވުޑްހަންގާމާއަށް ދިން އިންޓަވިއުއެއްގައި ޕްރޮޑިއުސަރު ކުމާރު މަންގަތު ބުނީ އަކްޝޭގެ ފަރާތުން ފެނުނީ އެކްޓަރެއްގެ ފަރާތުން ފެންނާނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަހަލަ ކަންކަން ކަމަށާއި އެއީ ވަރަށް 'އަންޕްރޮފެޝަނަލް' އެކްޓަރެއް ކަމަށެވެ.
އަކްޝޭގެ ބަދަލުގައި ފިލްމު "ދްރިޝްޔަމް 3"އަށް ހުނަރުވެރި އެކްޓަރު ޖައިދީޕް އަހްލަވާތު މިހާރު ހޮވާފައިވާ ކަމަށާއި އަކްޝޭއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ކުމާރު ވަނީ ބުނެފައެވެ.
އަކްޝޭއާ އެކު "ދްރިޝްޔަމް 3"ގެ ފިލްމުގެ މަސައްކަތް ކުރަން މާކުރިން އެއްބަސްވެ އެކްޓަރު ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ޕްރޮޑިއުސަރު ކުމާރު ވަނީ ބުނެފައެވެ. އަކްޝޭ ފިލްމުގައި ކުޅޭ ރޯލަށް ފީ ވެސް ދެ ފަރާތުން އެއްބަސްވިގޮތަށް މާކުރިން ނިންމާފައިވާ ކަމަށް ކުމާރު ވަނީ ބުނެފައެވެ.

އަކްޝޭ ކަންނާ، ޖައިދީޕް އަހްލަވާތު އަދި ފިލްމު 'ދްރިޝްޔަމް 3'ގެ ޕްރޮޑިއުސަރު ކުމާރު މަންގަތު--ފޮޓޯ/ބޮލީވުޑްހަންގާމާ
ނަމަވެސް ފަހުން އަކްޝޭ ވަނީ "ދްރިޝްޔަމް 3"ގައި ވިގެއް އަޅަން ބޭނުންވާ ކަމަށް ބުނެފައި ކަމަށާއި އެންމެ ފުރަތަމަ ދެބަސްވުން އުފެދުނީ އެހިސާބުން ކަމަށް ފިލްމު ޕްރޮޑިއުސަރު ކުމާރު ބުނެފައިވެއެވެ.
ފިލްމު "ދްރިޝްޔަމް 3"އަކީ ސީކުއަލްއަކަށް ވެފައި އެ ސިލްސިލާގެ ދެވަނަ ފިލްމުގައި އަކްޝޭގެ ކެރެކްޓާ ކުޅުނީ ވިގަކާ ނުލައި ކަމަށްވާތީ އެއީ ކުރެވިދާނެ ކަމެއް ނޫން ކަމަށް އެކްޓަރަށް އަންގާފައިވާނެ ކަމަށް ވެސް ކުމާރު ބުނެފައިވެއެވެ.
އޭގެފަހުން ފިލްމުގައި ކުޅޭ ކެރެކްޓާގެ ފީ ވެސް ބޮޑު ކުރަން އަކްޝޭ ޑިމާންޑުކުރި ކަމަށާއި ފިލްމުން ވަކިވިކަން އެންގީ "ދްރިޝްޔަމް 3"ގެ މަސައްކަތް ފަށަން 10 ދުވަހަށް ވެފައި ވަނިކޮށް ކަމަށް ކުމާރު ވަނީ ބުނެފައެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަކްޝޭ "ދްރިޝްޔަމް 3" ދޫކޮށްލީ ބޮލީވުޑްގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު "ދުރަންދަރު"ގައި އަކްޝޭ ކުޅުނު ކެރެކްޓާއަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެންނެވެ.
ފިލްމު ޕްރޮޑިއުސަރު ކުމާރު މަންގަތު ބުނީ އަކްޝޭއަށް މިހާރު ލިބެމުން އަންނަ ކާމިޔާބީ އާއި މަޝްހޫރު ކަމަކީ ވެސް އެކްޓަރުގެ ސޯލޯ ފިލްމަކުން ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އޮންނާނީ އެގޮތުގައި ކަމަށެވެ.
ފިލްމު "ދުރަންދަރު"އިން ލިބުނު މަޝްހޫރުކަމާ އެކު އަކްޝޭއަށް އަމިއްލަ މީހާ ފެނި އެ ކާމިޔާބީއާ މެދު މާބޮޑަށް ފަޚުރުވެރިވެފައިވާ ކަމަށް ބުނެ ކުމާރު ވަނީ އެކްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޕްރޮޑިއުސަރު ކުމާރު ބުނިގޮތުގައި އަކްޝޭ ފިލްމު "ދްރިޝްޔަމް 3"އިން ވަކިވިކަން އެންގީ އެކްޓަރުގެ ހެދުންތައް ވެސް ޑިޒައިންކުރަންދީ އެކަމަށް ބޮޑު ޚަރަދެއް ވެސް ކޮށްފައި ވަނިކޮށެވެ.
ފިލްމު "ދްރިޝްޔަމް" އަކީ ވަރަށް ވަރުގަދަ ސިލްސިލާ ފިލްމެއް ކަމަށާއި ދެން ފިލްމުގެ ސީކުއަލްގެ މަސައްކަތް ފަށާނީ ޖައިދީޕްއާ އެކު ކަމަށް ކުމާރު ވަނީ ބުނެފައެވެ. ހަމައެއާއެކު ޖައިދީޕް އަކީ އަކްޝޭއަށް ވުރެ އެތައް ގުނައެއް ހުނަރުހުރި މަސައްކަތަށް ކަމޭހިތާ އެކްޓަރެއް ކަމަށް ބުނެ ފިލްމުގެ ޕްރޮޑިއުސަރު ވަނީ ޖައިދީޕަށް ތައުރީފުކޮށްފައެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ "ދްރިޝްޔަމް"ގެ ދެ ބަޔަށް ފަހު ގެނެސްދޭން ހަމަޖެހިފައިވާ ތިން ވަނަ ބައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައެވެ. މި ފިލްމުގެ ލީޑް އެކްޓަރަކީ އަޖޭ ދޭވްގަންއެވެ.