މި މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ދުރަންދަރު"ގައި އެކްޓަރު އަރުޖުން ރާމްޕާލް ކުޅެފައިވާ ކެރެކްޓާއިން މިނިވަންވުމަށް ހުރީ ކެތްމަދުވެފައި ކަމަށް އެކްޓަރު ބުނެފިއެވެ.
ފިލްމު "ދުރަންދަރު"ގައި އަރުޖުން ކުޅެފައި ވަނީ ވަރަށް ރަޙުމް ކުޑަ އަނިޔާވެރި އައިއެސްއައި މޭޖާ އޮފިސަރެއްގެ ރޯލެވެ. އެ ކެރެކްޓާގައި ކުޅެން ލިބުނު ބައެއް މަންޒަރުތަކަކީ ޚުދު އަރުޖުންއަށް ވެސް ވަރަށް އުނދަގޫވި މަންޒަރުތަކެއް ކަމަށާއި އެހެންވެ އެ ކެރެކްޓާއިން މިންޖުވާނެ އިރަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އިންޑިއާގައި ނެރޭ ނޫހެއް ކަމަށްވާ ގްރޭޒިއާއަށް ދިން އިންޓަވިއުއެއްގައި އަރުޖުން ބުނީ "ދުރަންދަރު"ގައި ކުޅުނު ކެރެކްޓާ އަކީ އޭނާގެ ކެރިއަރަށް ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށެވެ.

ފިލްމު 'ދުރަންދަރު'ގެ ކާސްޓުންގެ ތެރެއިން މުހިއްމު ތަރިން ފެންނަ ޕޯސްޓަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް
އެ ކެރެކްޓާގައި އަމިއްލަ ވަޠަނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ނުރައްކާތެރި އޮފިސަރެއްގެ ރޯލް ކުޅެން ފަސޭހަނުވި އެންމެ ބޮޑު އެއް ސަބަބަކީ އަރުޖުން އަކީ އަމިއްލަ ޤައުމު ދެކެ އިންތިހާއަށް ލޯބިވާ މީހެއް ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް އެކްޓަރެއްގެ ހަޔާތުގައި އެއީ ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ވަގުތުކޮޅެއް ކަމަށާއި އަރުޖުން ވެސް މަސައްކަތްކުރީ އޭނާގެ ކިބައިގައި ހުރި ހުނަރު އެ ކެރެކްޓާއިން ބެލުންތެރިންނަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ކަމަށް ވަނީ ބުނެފައެވެ.
ފިލްމު "ދުރަންދަރު"ގައި އަރުޖުން ކުޅުނު ކެރެކްޓާއިން އިންޑިއާއަށް 11/26ގައި ދިން ޓެރަރިޒަމްގެ ހަމަލާ ކާމިޔާބުވުމުން އުފާ ފާޅުކުރާ މަންޒަރު ދައްކުވައިދެއެވެ. ޑައިރެކްޓަރު އަދިތިޔަ ދަރުގެ ފިލްމު "ދުރަންދަރު"އިން އަރުޖުންގެ އިތުރުން އަކްޝޭ ކަންނާ އަދި ސަންޖޭ ދަތު ވަނީ މުހިއްމު ރޯލްތަކުން ފެނިފައެވެ.
މި ފިލްމުގެ ލީޑް ރޯލްއިން ރަންވީރު ސިންގް ފެނުނުއިރު މިއީ މި އަހަރު އިންޑިއާގައި ރިލީޒްކުރި އެންމެ މަގުބޫލު 10 ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމެކެވެ.