އިންޑިއާގެ ގިނަ ފިލްމުތަކުން މިފަހުން ފެންނަމުން އަންނަ ކުޅަދާނަ ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތެހީ ދުނިޔޭގެ ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކާ ހިތާވެގެން އުޅޭ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ނޯރާ ދާދިފަހުން މޮރޮކޯއަށް ކުރި ހާއްސަ ދަތުރަކީ ވެސް ފުޓްބޯޅައަށް އޭނާގެ ހިތުގައި އޮތް ހާއްސަ ލޯބި ފާޅުކުރުމުގެ ގޮތުން ކުރި ދަތުރެކެވެ.
ބޮލީވުޑްގައި ކާމިޔާބު ކެރިއަރެއް އޮތް ނޯރާއަށް މިފަހުން ބެލުންތެރިންގެ ސަމާލުކަން ލިބެންފެށީ ބައިނަލް އަޤްވާމީ މިއުޒީޝަނުންނާ ގުޅިގެން ކުރަމުން އަންނަ މިއުޒިކާ ގުޅުންހުރި މަސައްކަތްތަކުގެ ސަބަބުންނެވެ.
އުމުރުން 33 އަހަރުގެ ނޯރާ ފުޓްބޯޅަ ކުޅުންތެރިޔަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއް އަރާފައިވީ ނަމަވެސް އެއީ ކޮން ޤައުމެއްގެ ކާކުން ސާފުވާގޮތެއް ނުވެއެވެ.

ނޯރާ ފަތެހީ ރައްޓެހިންތަކަކާ އެކު މޮރޮކޯގައި ފުޓްބޯޅަ މެޗެއް ބަލަން ގޮސް ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކެއް--ފޮޓޯ/ޕިންކްވިލާ
ބައެއް މީޑިއާތަކުން އެއީ މޮރޮކޯއަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށް ބުނެފައިވާއިރު މޮރޮކޯގައި ކުރިއަށްދާ މި އަހަރުގެ 'އެފްރިކަން ކަޕް އޮން ފޭޝަން އެފްކޮންސް'ގައި ނޯރާގެ ލޯބިވެރިޔާ ކުޅޭ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފުޓްބޯޅައަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމަށްވުރެ ނޯރާ 'އެފްކޮން 2025' ކަޕް ބަލަން މޮރޮކޯއަށް ދަތުރު ކުރުމުގެ ފަހަތުގައި ވަނީ އޭނާގެ ލޯބިވެރިޔާއަށް ތަރުހީބު ދިނުން ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ނޯރާ އަކީ މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ ކެނެޑާއަށް އުފަން މީހެކެވެ. ފިލްމީ ދާއިރާގައި ބައެއް ފިލްމުތަކުގެ ސަޕޯޓިންގް ރޯލްތަކުން ފެންނަމުން އަންނަ ނޯރާ މީގެކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބަތަލާ ނެހާ ދޫޕިއާގެ ފިރިމީހާ އަންގަދު ބެދީއާއެވެ. އަންގަދު ނެހާއާ ކައިވެނި ކުރީ ނޯރާއާ ދެ މީހުން ވަކިވިތާ އެތައް އަހަރެއް ފަހުންނެވެ.