"ރަށުގެ ކުރިމަގު"ގެ ނަމުގައި، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ޓިކްޓޮކް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަހަރުގެ ފަހު ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީވާން އެ ކޮމިޝަނުން ވަނީ އެދިފައެވެ.
ކޮމިޝަނުން ނެރުނު ގަވައިދުގައިވާ ގޮތުން، އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުން ފިޔަވައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް، އަމިއްލަ ގޮތުން ނުވަތަ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ.
އެ ގަވައިދުގައިވާ ގޮތުން، ހަތަރު މައުޟޫއުއަކަށް ބައިވެރިންނަށް ވީޑިއޯ ތައްޔާރުކުރެވޭނެއެވެ. އެއީ:
- ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް
- ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވޯޓުލުމުގެ މުހިންމުކަން
- އިންތިޚާބެއްގެ ތެރޭ ކޮށްގެން ނުވާނެ ކަންކަން
- އިންތިޚާބުގެ ދުވަސްވަރު ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް އެކި މަސްދަރުތަކުން ލިބޭ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަން
ކޮންމެ ފަރާތަކަށް ވެސް އެއް މައުޟޫއުއަށް އެއް ވީޑިއޯ، ނުވަތަ ހަތަރު މައުޟޫއުއަށް ވެސް، ކޮންމެ މައުޟޫއުއަކަށް ވީޑިއޯ ތައްޔާރުކުރެވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ވީޑިއޯތައް ތައްޔާރުކުރަން ވާނީ އެންމެ ކުޑަވެގެން 30 ސިކުންތައް، ނުވަތަ އެންމެ ދިގުވެގެން ދޮޅު މިނެޓުގެ ދިގު މިނަކަށް، ސިޔާސީ ވަކި ކޮޅަކަށް ބުރަނުވެ ކަމަށް ވެސް، ގަވައިދުގައިވެއެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ވީޑިއޯތައް ކޮމިޝަނަށް ފޮނުވަންވާނެ ކަމަށް ވެސް، ގަވައިދުގައިވެއެވެ.
މި މުބާރާތުގެ ބައިވެރިންގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 5،000 ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 3،000 ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 2،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން، ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހެވެ.