ގައުމިއްޔަތުގެ ދާއިރާއިން މާސްޓާސްއަށް ކިޔަވައިދޭން އަންނަ އަހަރު ފަށާނެ ކަމަށް ދިވެހިބަހާ، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޞީރު ވިދާޅުވީ، ގައުމިއްޔަތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ދާއިރާގެ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާސްޓާސްގެ 50 ސްކޯލާޝިޕެއް ދެއްވާފައިވާ ކަމަށެވެ.
"އެ ފަށައިގަތުމުގެ ތަމްރީނުތައް މިހާރު ކުރިއަށް އެ ދަނީ އަޅުގަނޑުމެންގެ ވުޒާރާގައި. މި މަސައްކަތް ކުރިއަށް އެބަދޭ. މި ކޯސްތަކުގެ ރަސްމީ ކިޔެވުން އިސްލާމީ ޔުނިވާސިޓީގައި ފެށިގެން ކުރިއަށް ދާނެ،" އޭނާ ވިދާޅުވިއެވެ.
ނަޞީރު ވިދާޅުވީ، މިނިސްޓްރީން މިހާރު ކުރާ މައިގަނޑު އެއް މަސައްކަތަކީ ގައުމިއްޔަތުގެ ވިސްނުން އާންމުކޮށް، ދިވެހި ގައުމިއްޔަތަކީ އިހުސާސެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިލްމީ އަދި ފިކުރީ މަފްހޫމުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.
ނަޞީރު ވިދާޅުވި ގޮތުގައި ގައުމިއްޔަތުގެ އިލްމީ މަފްހޫމުތައް 3،000އަށް ވުރެ ގިނަ ފަރާތްތަކަށް މިހާރު ވަނީ ފޯރުކޮށްދެވިފައެވެ.
ގައުމިއްޔަތު ކުރިއެރުވުމަކީ މި ސަރުކާރުގެ މައި ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ. އެގޮތުން "ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި އޮފީހެއް މި ސަރުކާރުން ހުޅުވައި، ސްކޫލްތަކުގައި ގައުމިއްޔަތު ކިޔަވައިދޭން ވަނީ ފަށައިފައެވެ.
ދަރިވަރުންގެ ހިތްތަކުގައި ގައުމީ ލޯބި ދިރުވައި އާލާކުރުމަށް ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފަށާއިރު ގައުމީ ސަލާމުން ފައްޓަން ވެސް މި ސަރުކާރުން ނިންމިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާ ދިރާސާކޮށް، އިލްމީ ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއުގެ ދަށުން 40 ފަރާތަކަށް މާސްޓާސް ޑިގްރީއަށް ކިޔެވުމަށް، ހިލޭ ސްކޮލަޝިޕް ވެސް މިފަހުން ވަނީ ހަވާލުކޮށްފައެވެ.