ފަތުރުވެރިކަމުގެ ދާއިރާގައި، ތަފާތު ބަސްތައް ދަންނަ ދިވެހި ޓުއާ ގައިޑުން އުފައްދަން މަސައްކަތް ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި، އެކަމަށް ހައްްލެއް ހޯދުމަށް މިހާރުން މިހާރަށް ތަމްރީނުތަކެއް ފަށަން ޖެހޭ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެއެވެ.
ފިރާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގައި 175 ވަރަކަށް ރިސޯޓާއި 800 ގެސްޓުހައުސްތައް އޮޕަރޭޓުކުރާއިރު، މި ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިންނާ އެމީހުންގެ މާދަރީ ބަހުން ވާހަކަ ނުދެއްކޭތީ ކަމަށެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ވަނީ، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށް ގެޒެޓުކޮށްފައެވެ. އެ ގަވައިދަށް އިޝާރަތްކުރައްވައި، ފިރާގު ވިދާޅުވީ، އެ ގަވައިދުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ބޭރުގެ ޓުއާ ގައިޑުން ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެއީ ރަނގަޅު ކަމަކަށްވީ ނަމަވެސް، ތަފާތު ބަސްތައް ދަންނަ ދިވެހި ޓުއާ ގައިޑުން އުފެއްދުމަށް މަސައްކަތް ނުކުރުމަކީ، ދާއިރާއަށް ގޮންޖެހުންތައް ކުރިމަތިވާ ކަމެއްގެ ގޮތުގައި، ފިރާގު ވަނީ ސިފަކުރައްވާފައެވެ.
އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދުމަށް ދާއިރާގެ ސްޓޭކްހޯލްޓަރުންނާއި ހޮޓަލް ސުކޫލުތައް އެއްވެ، ވަގުތުން ތަމްރީނުތަކެއް ފަށަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: ދިވެހި ޓުއާ ގައިޑުން އުފައްދަން މަސައްކަތް ނުކުރާތީ ފިރާގު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފިރާގު އެ ފަދައިން ވިދާޅުވިއިރު، ބައެއް ވަޒީފާތަކަށް ބިދޭސީން އެއްވެސް ވަރަކަށް ރާއްޖެއަށް އެތެރެނުކުރެވޭ ގޮތަށް ގަވައިދުގައި ވަނީ ކަނޑައަޅާފައެވެ. އެއީ، ޓެކްސީ ޑްރައިވަރުންނާއި މަތިންދާ ބޯޓުގެ ކޯޕައިލަޓުންނާއި ކަނޑުމަތީ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފޮޓޯގްރާފަރުންނާއި މުނިފޫހިފިލުވުމުގެ ދާއިރާތަކެވެ.
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރޭގައި ޓުއާ ގައިޑުންގެ އިތުރުން، ހެއާ ޑްރެސަރުންނާއި ބިއުޓީޝަނުންނާއި ޕާސަނަލް ޓްރެއިނާސްއާއި އިލެކްޓްރީޝަނުން ހިމެނެއެވެ.