ރަށްރަށުގައި ބަނގުރާ ހުއްދަކުރާކަށް ނުޖެހޭ، ދެއްކި ވާހަކައިގެ މާނަ އޮޅުވައިލީ: ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ބަނގުރާ ރަށްރަށުގައި ވިއްކާކަށް ނުޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ވާހަކަފުޅު އޮޅުވައިލީ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ހުއްދަކުރަން ނުޖެހޭ ކަމަށް ވިދާޅުވެ، އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ފަތުރަނީ މާނަ އޮޅުވާލައިގެން ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކ. މާފުށީގެ ފަތުރުވެރިކަމުގެ އާ ޑެސްޓިނޭޝަން ބްރޭންޑް ކަމަށްވާ "ހާޓް އޮފް މޯލްޑިވްސް"، ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވަނީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރިސޯޓުތަކުގައި ވިއްކާ "ތަކެތި" ފަތުރުވެރިކަމުގެ ހޮޓާތަކުގައި ވިއްކަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެއީ ސީދާ ކޮން "ތަކެއްޗެއްކަން" އެމަނިކުފާނު ވިދާޅެއްނުވެއެވެ. އެކަމަކު ބައެއް މީހުން ސިފަކުރާ ގޮތުގައި ނަޝީދު ގޮވާލެއްވީ ރަލާއި އޫރުމަސް ހުއްދަކުރުމަށެވެ.

https://sun.mv/215737

އެކަމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރަށްރަށުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ހޮޓާތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ހުރެގެން ނުވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.

އެކަމުގައި ނަޝީދަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެމަނިކުފާނު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސާފު ބަހުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅު، ކަނޑައެޅިގެން "އިދިފުށަށް، ދޮގު މާނައާއި ތަރުޖަމާ އީޖާދުކޮށްގެން" ފަތުރަނީ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ މީހުންނަށް ގެއްލުންދޭން މަސައްކަތްކުރުން ކަމަށާއި، އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރަށްރަށުގައި ހުންނަ ފަތުރުވެރިކަމުގެ ހޮޓާތަކުން ނުލިބޭ ހަމައެކަނި ތަކެއްޗަކީ ރަލާއި އޫރުމަސް ނޫން ކަމަށާއި، ބައެއް އެހެން ޚިދުމަތްތައް ނުލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަކުރާކަށް ނުޖެހޭ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ހުކުރު ދުވަހުގެ ރޭ މާފުށީގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ތައުލީމު ހާސިލްކުރުން މަނާ ދުވަސްވަރަކާއި ފަތުރުވެރިން އައިސް ތިބުން މަނާ ދުވަސްވަރެއް ފާއިތުވެ ދިޔަ ކަމަށެވެ.

"މިވަގުތުވެސް މި ރާއްޖޭގައި ކަންކަން ހަމަޖެހިފައިވާ ގޮތުން، ރިސޯޓުފަހަރުގައި ޓޫރިސްޓުންނަށް ދޭ ޚިދުމަތްތައް، ވިއްކާ ތަކެތި، ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވޭކަން، އެއީ ބޭއިންސާފެއް، އެ ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނާންޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ވެސް މީހުން ދިރިއުޅޭ ރަށްރަށަށް ރަލާއި އޫރުމަސް ގެނައުމާއި އެތަކެތި ވިއްކުން މަނަލެވެ. ނަމަވެސް ދޭތެރެއަކުން ރަށްރަށަށް އަދި ވެރިރަށް މާލެއަށް ބަނގުރާ އެތެރެކޮށް ގެންގުޅޭ މައްސަލަ ފެންމަތިވެއެވެ. އަދި އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ.

comment ކޮމެންޓް