ބަންގްލަދޭޝްގެ އިންތިޚާބު ގާތްވެފައި ވަނިކޮށް ޚާލިދާ ޒިޔާގެ ދަރިކަލުން އެނބުރި ގައުމަށް!

ތާރިގް ރަހްމާން މިއަދު ޑާކާ އެއާޕޯޓްގައި

ޑާކާ (26 ޑިސެމްބަރު 2025) : އަންނަ ފެބްރުއަރީ މަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގެ އާންމު އިންތިޚާބު ބާއްވާނެކަން އިއުލާން ކޮށްފައިވަނިކޮށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހްމާން އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

ތާރިގް އެނބުރި ގައުމަށް ވަޑައިގެންނެވިއިރު ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ޕާޓީކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ފަރާތުން ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވިފައިވަނީ ތާރިގެވެ.

ތާރިގު ގައުމަށް އެނބުރި ވަޑައިގަތުމާއެކު ޑާކާގެ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ "ބީއެންޕީ" ގެ ސަޕޯޓަރުންނެވެ.

"ބީއެންޕީ" އަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ދެޕާޓީގެ ތެރެއިން އެއްޕާޓީއެވެ. އަނެއްޕާޓީއަކީ ރައްޔިތުންގެ އުތުރި އެރުމެއްގައި މިދިޔަ އަހަރު ގައުމުން ފިއްލަވައި އަދި އެއަށްފަހު މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ ޕާޓީ ކަމަށްވާ އަވާމީ ލީގް ޕާޓީއެވެ.

އުމުރުން 60 އަހަރުގެ ތާރިގް ގައުމު ދޫކުރައްވައި އިނގިރޭސިވިލާތުގެ ލަންޑަން އަށް ދިރިއުޅުން ބަދަލުކުރެއްވީ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގައި 2007 ވަނަ އަހަރެވެ. އެއީ ހަސީނާގެ ސަރުކާރުން ތާރިގް ގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލުމާއެކު އޭނާ ހައްޔަރުކޮށް ޖަލަށްލާނެކަމުގެ ބިރަށެވެ.

މިދައުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިންގް ގެ ދައުވާއާއި އޭރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމުގެ ދައުވާ ހިމެނެއެވެ. މި ދައުވާތަކަށް ތާރިގް އިންކާރު ކުރައްވައެވެ. މިއީ އޭނާގެ ސިޔާސީ މުސްތަގްބަލް ދުއްވާލުމުގެ ބޭނުމުގައި ކުރި ސިޔާސީ ދައުވާތަކެއް ކަމަށް ތަރިގް ސިފަކުރެއްވިއެވެ.

ތާރިގް ގެ ޣައިރު ހާޒިރުގައި ކޯޓުން މިމައްސަލަތައް ބެލިއެވެ. އަދި މިހުރިހާ ދައުވާތަކެއް ތާރިގްގެ މައްޗަށް ސާބިތުވާކަމަށް ނިންމައި އޭނާގެ މައްޗަށް ހުކުމް ވެސް އިއްވިއެވެ.

އެހެން ނަމަވެސް ތާރިގްގެ ފަރާތުން މިހުމްތައް މަތީ ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެއެވެ. ހަސީނާގެ ވެރިކަން ވެއްޓުމާއެކު ތާރިގް ގެ މައްޗަށް އިއްވި ހުކުމްތައް ބަންގްލަދޭޝްގެ އެންމެ މަތީ ކޯޓުންވަނީ ބާތިލްކޮށްފައެވެ.

17 ވަރަކަށް އަހަރު ގައުމުން ބޭރުގައި ލަންޑަންގައި ދިރިއުޅުއްވުމަށްފަހު ތާރިގް ގައުމަށް އެނބުރި ވަޑައިގަތްއިރު ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު މިވަނީ މުޅިން ބަދަލުވެފައެވެ.

ޝައިޚް ހަސީނާ ވަނީ ދާއިމީ ގޮތަކަށް ބަންގަލަދޭޝް ގެ ސިޔާސީ މަސްރަހުން ބޭރުވެފައެވެ. ޙަސީނާގެ ޕާޓީ ވަނީ ބަންގްލަދޭޝްގައި މަނާޕާޓީއަކަށް ވެފައެވެ. ހަސީނާގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. ހަސީނާގެ ސަޕޯޓަރުންވަނީ ވިއްސި ވިހާލިވެފައެވެ. ބަންގްލަދޭޝްގައިވާ ހަސީނާގެ ގެދޮރާއި މިލްކިއްޔާތު ވަނީ ފުނޑާލާފައެވެ.

ތާރިގް ގެ މަންމާފުޅު ކުރީގެ ބޮޑުވަޒީރާ ޚާލިދާ ޒިޔާ ވަނީ ތެދުވެ ނޫޅެވޭވަރަށް ބަލިވެފައެވެ. މުސްކުޅި ބައްޔާއި އެނޫންވެސް ބަލިތަކުގެ ޝިކާރައަކަށްވެ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޚާލިދާއަށްވަނީ ގެއްލިފައެވެ.

ހަސީނާގެ ވެރިކަމުގައި ހަތް އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚާލިދާ ޖަލުގައި އޮންނަން ޖެހިވަޑައިގަތެވެ. ހަސީނާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ޚާލިދާ ޖަލުން ދޫކޮށް ގޭބަންދަށް ބަދަލުކޮށްފައި ވީނަމަވެސް އެކަމަނާގެ ގެ ސިއްހީ ހާލުކޮޅު އޭރުވެސް އަދި މިހާރުވެސް ވަރަށް ބޮޑެވެ.

މިއާއެކުވެސް އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ޚާލިދާ އަދިވެސް އިއުލާން ކުރައްވާފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޚާލިދާގެ ޕާޓީން ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނީ އެކަމަނާގެ ދަރިކަލުން ތާރިގެވެ. އެކަން އަންނަ ޖަނަވަރީގައި އެޕާޓީން އިއުލާން ކުރާނެކަމަށްވަނީ ބެލެވިފައެވެ. ހަސީނާގެ ޕާޓީ މިވަގުތު ބަންގްލަދޭޝްގައި މަނާކޮށްފައި އޮތުމުން ކުރިޔަށް އޮތް އިންތިޚާބުގައި އެ ޕާޓީގެ ނަމުގައި އެއްވެސް ކެންޑިޑޭޓަކު ނުނުކުންނާއެވެ. އެޕާޓީގެ ކެންޑިޑޭޓުން ޕާލަމެންޓަށް ކުރިމަތިލައްވާނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައެވެ.

މިސަބަބުތަކާއެކު ކުރިޔަށް އޮތް އިންތިޚާބު ކާމިޔާބު ކުރާނެކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކަނީ ޚާލިދާ ޒިޔާގެ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ.

comment ކޮމެންޓް