ރަށްތަކާ ކައިރިން ވެލި ނަގައިގެން ރަސްމާލެ ހިއްކާތީ ޑްރެޖަރު ކައިރީ އިހުތިޖާޖު ކުރަނީ

ރަސްމާލެ ހިއްކުން ހުއްޓާލުމަށް ގޮވާލައި، އިހުތިޖާޖު ކުރަނީ ---- ފޮޓޯ/ ހަސަން ނިޝާއު އަލީ

ރަށްތަކާ ކައިރިން ވެލި ނަގައިގެން ބިން ހިއްކާތީ، މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކާ ޑްރެޖަރު ކައިރީ ކަނޑުމަތީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިއަދު 16:00 ހާއިރު ފަށައިގެން 20 ވަރަކަށް ލޯންޗު އަންނަނީ އެ ޑްރެޖަރު ވަށައިގެން އިހުތިޖާޖު ކުރަމުންނެވެ.

އެ އިހުތިޖާޖުގައި ބައިވެރިވާ ޒުވާނަކު "ސަން"އަށް ކިޔައިދިން ގޮތުގައި، ކަންބޮޑުވުމަކީ މާފުށި ކައިރިން ވެލި ނަގައިގެން ރަސްމާލެ ހިއްކާތީ ފަރުތަކާއި މޫދުގެ ދިރުންތަކަށް ގެއްލުންވުމެވެ. މިގޮތުން، އެ މީހުންގެ ޑިމާންޑަކީ މިހާރުން މިހާރަށް ރަށްތަކާ ކައިރިން ބިން ހިއްކުން ހުއްޓާލުން ކަމަށް އެ ޒުވާނާ ބުންޏެވެ.

ރަސްމާލެ ހިއްކާ ޑްރެޖަރު ވަށައިގެން ކަހަލަ ގޮތަކަށް ލޯންޗުތައް މަޑުކޮށްލައިގެން ތިބިިއިރު، ޕޯސްޓަރުތައް ބޭނުންކޮށް އެ މީހުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. އޭގެއިތުރަށް، ފަރުތައް ހަލާކު ކުރުން ހުއްޓާލުމަށް އެ އިހުތިޖާޖުގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

ރަސްމާލޭގެ ބިން ހިއްކުން ހުއްޓާލަން ގޮވާލައި އިހުތިޖާޖު ކުރާއިރު، ފުށިދިއްގަރުފަޅު ހިއްކުމުގެ ތެރެއިން ބޭރުވާ ވެއްޔާއި ކިސަޑުން އެ ސަރަހައްދު ވަށައިގެންވާ ފަރަށް ގެއްލުން ލިބޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިގޮތުން، ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ބިން ހިއްކުން މުހިންމުކަން ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، އެ މަސައްކަތްތައް ކުރާއިރު، ސަރުކާރުން ބިން ހިއްކުމާ ގުޅޭ ގޮތުން ކަނޑައަޅައިފައިވާ ގަވައިދުތަކާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

https://sun.mv/215827

ރަސްމާލެ ތަރައްގީ ކުރާ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ސަރުކާރުން ވަނީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

މިހާރު ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރްސީސީ) އިންނެވެ.

comment ކޮމެންޓް