ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކޮށް ނިންމި ޗާލު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދުގެ ހުކުރު ނަމާދަށް މަސްޖިދުލްއީމާން ރަސްމީކޮށް ވަނީ ހުޅުވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް އެ މިސްކިތަށް މިއަދު ވަޑައިގެންނެވިއިރު، އިމާމުވެ ނަމާދުކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒެވެ.
އަމިއްލަ ފަރާތަކުން އެޅި ތިން ފަންގިފިލާގެ މި މިސްކިތުގައި 1،200 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރި މިސްކިތް: އެ މިސްކިތަށް ކިޔަނީ މަސްޖިދުލްއީމާން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، 2021ގެ ފަހުކޮޅުން ފެށިގެން މީހުން ދިރިއުޅެން ފެށީއްސުރެ މިސްކިތްތައް ބޭނުންވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެ ސަރަހައްދުގައި ފުރަތަމަ މިސްކިތް ހުޅުވީ އޮކްޓޫބަރު 2021 ގައެވެ. އެއީ، 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އޭގެ ފަހުން ވެސް، ދެވަނަ ފިޔަވަހީގައި މިސްކިތްތައް އަޅަން އަމިއްލަ ފަރާތްތަކާ ހަވާލުކޮށް، ބައެއް މިސްކިތްތައް މިހާރު ވަނީ ހުޅުވާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ރަސްމީކޮށް ހުޅުވި އާ މިސްކިތް: މިއީ ތިން ފަންގިފިލާގެ މިސްކިތެއް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މިދިޔަ ހޯމަ ދުވަހު އެ މިސްކިތް ބިނާކުރި އާއިލާއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ ބައެއް ވެރިން ހިމެނޭ ގޮތަށް މިސްކިތް ވަނީ ވަގުތީ ގޮތުން ހުޅުވާފައެވެ.
ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ރާއްޖޭގައި ދެ މިސްކިތް ހުޅުވާފައިވާ ކަމަށެވެ. އެހެންވެ، ރޯދަމަހުގެ ކުރިން ހުޅުވާނެ ކަމަށް އިއުލާނުކުުރި 15 މިސްކިތުގެ ތެރެއިން ހަ މިސްކިތް މިހާރު ހުޅުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި އިތުރު ދާއިމީ ހަތަރު މިސްކިތް ހުޅުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއްގެ މަޝްރޫއު ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި މާލޭގައި އަޅަމުންދާ މިސްކިތަކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މިސްކިތްތަކެއް ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފަައިވެއެވެ.