ނައިޖީރިއާގެ އައިއެސްއާ ދެކޮޅަށް އެމެރިކާއިން ބާރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާގެ އަސްކަރި އުޅަނދަކުން ފޮނުވާލި މިސައިލް ހަމަލާއެއް. ފޮޓޯ/ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް

ނައިޖީރިއާގެ ހުޅަނގު އުތުރުގައި އޮންނަ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ދެކޮޅަށް އެމެރިކާއިން ބާރުގަދަ ހަމަލާއެއް ދީފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެ ހަމަލާ ދިނީ ނައިޖީރިއާގައި އުޅޭ އިސްލާމިސްޓް ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެމެރިކާގެ އަސްކަރިއްޔާއަށް ނޮވެންބަރު މަހު ޓްރަމްޕް އަމުރުކޮށްފައިވަނިކޮށެވެ. ޓްރަމްޕް ވަނީ އެ ޖަމާއަތަކީ މައުސޫމު ކްރިސްޓިއަނުންނަށް އަމާޒުކޮށް ހަމަލާދޭ ޖަމާއަތެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

އިއްޔެ ދިން ހަމަލާއަކީ ސޮކޮޓޯ ސްޓޭޓުގައި ނައިޖީރިއާއާ ގުޅިގެން ދިން ހަމަލާއެއް ކަމަށް އެމެރިކާގެ އެފްރިކާ ކޮމާންޑް (އެފްރިކޮމް) އިން ފަހުން ނެރުނު ރިޕޯޓެއްގައިވެއެވެ.

ނައިޖީރިއާގެ ޚާރިޖީ ވަޒީރު ޔޫސުފް މައިތަމާ ޓޫގާއާ ހަވާލާދީ ބީބިސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހަމަލާއަކީ ޓެރަރިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ޖޮއިންޓް އޮޕަރޭޝަނެކެވެ. އެއީ، ވަކި ދީނަކާ ގުޅުމެއް ނެތް ކަމެއް ކަމަށް ވެސް ޔޫސުފް ވިދާޅުވިއެވެ.

އެމެރިކާ ސަރުކާރުން އިސްލާމިކް ޓެރަރިޒަމް ކުރިއެރުމަށް ފުރުސަތު ނުދޭނެ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ޓުރޫތް ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އަނިޔާވެރިކަން މޮނީޓާ ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ނައިޖީރިއާގައި މުސްލިމުންނަށް ވުރެ ގިނައިން ކްރިސްޓިއަނުން މަރާކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

ޖިހާދީން ހަމަލާތައް އަމާޒުކޮށްފައިވަނީ ވަކި ދީނެއްގެ ބަޔަކަށް ނޫން ކަމަށް ނައިޖީރިއާގެ ރައީސް ބޮލާ ޓިނޫބޫގެ ޚާއްސަ މުޝީރު، ޑޭނިއަލް ބުވާލާ ވެސް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ޓްރަމްޕް ވަނީ ސިރިއާގެ އައިއެސްއަށް ހަމަދީފައިވާ ކަމަށްވެސް ވިދާޅުވެފައި. ފޮޓޯ/ގެޓީ

އިސްލާމިސްޓް ހަނގުރާމަވެރިންނާ ކުރިމަތިލުމަށް އެމެރިކާގެ އެހީތެރިކަމަށް ނައިޖީރިއާ މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް އެއީ މިނިވަން ގައުމެއް ކަމަށް ބުވާލާ އިތުރަށް ވިދާޅުވިއެވެ.

ބޯކޯ ހަރާމްއާއި އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސް ފަދަ ޖިހާދީ ޖަމާއަތްތަކުން ނައިޖީރިއާގެ އިރުއުތުރުގައި ދޭ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ސިޔާސީ އަނިޔާވެރިކަން ތަހުލީލުކުރާ ޖަމާއަތެއް ކަމަށްވާ، އެކްލެޑްއިން ބުނެއެވެ.

ނައިޖީރިއާގައި 2009 ވަނަ އަހަރުން ފެށިގެން ޖިހާދީ ފިތުނަވެރިކަމާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ފަދަ ހަމަލާތަކުގައި އެ ގައުމުގެ އިރުއުތުރުގައި ގާތްގަނޑަކަށް 40،000 މީހުންގެ ފުރާނަ ގެއްލި، ދެ މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ.އިން ބުނެއެވެ.

މިދިޔަ ހަފުތާ އެމެރިކާއިން ވަނީ ސީރިއާގައި އައިއެސްއާ ދެކޮޅަށް ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށް ވެސް ބުނެފައެވެ. އެ ހަމަލާ ދިނީ ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް އައިއެސްއިން ދިން ހަމަލާގައި ރައްދުގައި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް