ދިވެހީންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ އަދި ގައުމުގެ މަސްލަހަތު ގެއްލޭފަދަ އަމަލުތައް ހިންގަން އެއްވެސް މީހަކަށް ފުރުސަތު ނުދޭން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސިޔާމް ފޮނުއްވި ޚިޠާބުގައި ވަނީ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި، ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ޑިސެންބަރު 26، 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި އަދި އެހާ ހިތާމަވެރި ކާރިސާއާ ގުޅިގެން ކޮންމެ އަހަރެއްގެ ވެސް މި ދުވަހު އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދައްކުވައިދިން އަޚުވަންތަކަމާއި، ގައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އައުކުރުމަށްޓަކައި ކަމަށެވެ.
ސުނާމީ ކާރިސާގެ ހިތި ހަނދާންތައް އަދިވެސް ދިވެހީންގެ ހިތްތަކުގައި ސިފަވަމުންދަނީ، ހިތާމައިގެ ގަދަފަދަ ޝުއުރުތަކާއެކު ކަމަށް ސިޔާމް ވިދާޅުވިއެވެ. އެފަދަ ދުވަހެއްގައި އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް އިސްކަންދިނުމަކީ ދިވެހީންގެ ފަރާތުން ފެނުނު ހިތްވަރުގަދަ ނަމޫނާއެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
އެފަދަ ހިތްދަތި އަދި ނުރައްކާތެރި ދަނޑިވަޅެއްގައި ވެސް އަމިއްލަ ނަފުސުގެ މައްޗަށް ގައުމާއި މުޖުތަމައުގެ ސަލާމަތްތެރިކަން އިސްކުރުމަކީ ސުނާމީގެ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ އަގުހުރި ފިލާވަޅު. އަދި އެއީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މުހިންމު ޝިއާރު، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު
ސިޔާމް ވަނީ އެ ދުވަހު ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން އެންމެންގެ ހިތްމައްޗަށް ގެނެސް، އެ ހާދިސާއިން މިއަދު ވެސް އިބުރަތް ހާސިލުކުރުމަށް އިލްތިމާސްކުރައްވައިފައެވެ. ހަމައެއާއެކު ދިވެހީންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަޚްވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ އަދި ގައުމުގެ މަސްލަހަތު ގެއްލޭފަދަ އަމަލުތައް ހިންގުމަށް އެއްވެސް މީހަކަށް ފުރުސަތު ނުދިނުމަށް ވެސް އެ މަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.
އެ މަނިކުފާނުގެ ޚިޠާބު ނިންމަވައިލެއްވީ ދިވެހި ރައްޔިތުން އެކިއެކި ނުރައްކާތެރި ކާރިސާތަކުން ސަލާމަތްކޮށް، ދިވެހީންގެ މެދުގައި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުމުގެ އިތުރުން ޚިޔާލު ތަފާތުވާ ކަންކަމުގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމުގެ ހިތްވަރު ދިވެހީންނަށް ދެއްވުމަށް އެދި ދުޢާދަންނަވަމުންނެވެ.