ސަރުކާރުން ސިޔާސަތުތައް ހަދާ ގޮތުން އިންވެސްޓަރަކަށް އިތުބާރެއް، ޔަގީންކަމެއް ނެތް: ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން: ވިދާޅުވީ އެކި ސަރުކާރުތަކުގެ ސިޔާސަތުތައް އެކުލަވާލާގޮތުން އިންވެސްޓަރުންނަށް އިތުބާރެއް ޔަގީންކަމެއް ނެތް ކަމަށާއި، އިންވެސްޓަރުން ކުރާ އިންވެސްޓްމެންޓްތަކުގެ މުސްތަގުބަލެއް ނޭނގޭ ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

އެކި ސަރުކާރުތަކުގެ ސިޔާސަތުތައް އެކުލަވާލާގޮތުން އިންވެސްޓަރުންނަށް އިތުބާރެއް ޔަގީންކަމެއް ނެތް ކަމަށާއި، އިންވެސްޓަރުން ކުރާ އިންވެސްޓްމެންޓްތަކުގެ މުސްތަގުބަލެއް ނޭނގޭ ކަމަށް ވިދާޅުވެ، އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ފަހި ފުރުސަތުތަކެއް އޮތް ކަމާމެދު ކުރީގެ ރައީސް ޢަބްދުالله ޔާމީން ސުވާލު އުފައްދަވައިފިއެވެ.

ސިލްސިލާކޮށް އެމަނިކުފާނުގެ ޕާޓީ ޕީއެންއެފުން ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން އެ ކަން ފާހަގަކުރެއްވީ ހުޅުމާލޭ މިސާލަކަށް ނަންގަވައެވެ. ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހުޅުމާލެ ތަރައްގީކުރަން ޕްލޭންކުރި ފަރާތްތަކުން ވިސްނީ ހުޅުމާލެ ރީތި ތަނެއްގެ ގޮތުގައި ބާއްވަން ކަމަށެވެ.

ހުޅުމާލެ ހިއްކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުުރުމަށް ކަމަށް، ޔާމީން ވިދާޅުވިއެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އޭރުގެ ވެރިން ބޭނުން ނުވިކަމަށާއި، ބޭނުންވީ އެ ވެރިން ބޭނުން ގޮތަށް ހުޅުމާލެ ފަރުމާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެން ހަދާފަ ފަސް އަހަރު ހަތް އަހަރު ދިޔަ ފަހުން ރައީސް ނަޝީދުގެ ވެރިކަން ގޮއްސަ އަޅުގަނޑުގެ ވެރިކަމުގަ އަޅުގަނޑު ބުނެފިން ނޫނެކޭ. މިތަން އުދައްފާދައި މި އޮތީ މީހުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދޭށޭ، އެހެންވީމާ ހުޅުމާލޭގަ ވަކި ލިމިޓެއް ނެތޭ، އުސްކޮށް ހަދަންވީއޭ ހަދާނެ ވަރަކަށް،" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހުޅުމާލޭގައި އުސް ޓަވަރުތައް ހަދައިފައި ހުންނާނެ ކަމަށާއި، އިންވެސްޓުކުރި މީހުންނަށް އޭރު ފުރުސަތު ލިބުނު ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެކަމަކު މިތަން ފްލެޓުކޮށް އެއްވަރަކަށް ބޯ ކޮށާލާފައި މަތީގައި ތާކިހަލެއް އަޅާފައި އޮންނަހެން އޮތުންތޯ ރީތީ، ނޫނިއްޔާ ބޯހިޔާވަހިކަމުގެ ބޭނުމާ އެކީ މިތަން ސިގްނިފިކަންޓް ރީތި ތަނެއް ގޮތަށް ހަދަންތޯ ބޭނުންވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ޔާމީން ވަނީ، އިމާރާތްތައް އުސްކޮށް ނެގޭ ސިޔާސަތުތައް އެކި ސަރުކާރުތަކުން އައިސް ބަދަލުކުރާތީ އެކަމުގެ ސަބަބުން އިންވެސްޓަރުންނަށް އިންވެސްޓްކުރަން އޮތީ ކޮން މުސްތަގުބަލެއްތޯ ސުވާލު އުފައްދަވައިފައެވެ.

އެއާއެކު، ބޮޑެތި އިމާރާތްތައް ކުރާ ކުންފުނިތަކުން ރާއްޖެ އައިސް މަސައްކަތްކުރުމަށް އޮތީ ކިހާ ވަރެއްގެ ރައްކާތެރިކަމެއްތޯ ވެސް ޔާމީން ސުވާލު އުފެއްދެވިއެވެ.

"އިންވެސްޓަރަކަށް ކޮންފިޑެންސް ލިބޭ، ނޫނީ އިންވެސްޓަރަކު އިންވެސްޓްކުރަން މިތަނުގައި ނެތޭ ސްޓޭބަލް ވިސްނުމެއް، އެއްވެސް ކަހަލަ ޕޮލިސީއެއްގައި ނެތޭ އާރުލައި މި ކުރެވެނީ ކީއްތޯ، މިކަން ކުރަން އެންމެ ރަނގަޅުގޮތަކީ މިއީތޯ، ވިސްނުމުގަ އެއްވެސް ކަހަލަ ތެތްކަމެއް މި މީހުންގެ ނެތް،" ޔާމީން ވިދާޅުވިއެވެ.

ވުމާއެކު ސަރުކާރަށް އިންވެސްޓަރުން ގެނެވޭނީ ކިހިނެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

މިހާތަނަށް ހުއްދަދީފައި ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ޚާއްސަކޮށްފައިވާ، 'ރެޒިޑެންޝަލް ޕްލޮޓް'ތަކުގައި އެންމެ އުސްކޮށް ހަތް ބުރިއަށް އިމާރާތްކުރުމަށް އެކަންޏެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ، ގޯތިތަކުގެ އިމާރާތުގެ އުސްމިނަކީ ތަނުގެ ޕްލޭނާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.

މިގޮތުން، ތަނެއް އާބާދުވާއިރު، އެ ތަނެއްގެ ލޭންޑު ޔޫސް ޕްލޭނަށް އަންނަ ބަދަލަކުން ސިޔާސަތާ އެއްގޮތަށް އިންފްރާންސްޓަކްޗާ ވެސް ސަރުކާރުން ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ނިންމެވުމުގެ އިތުރު ތަފުސީލު ދެއްވައި، ރައީސް ވިދާޅުވީ، އިމާރާތް 10 ބުރިއަށް ނަގާނަމަ، އެންމެ ތިރީ ފްލޯ ޕާކިންއަށް ޚާއްސަކުރަން މަޖުބޫރުވާނެ ކަމަށެވެ. އެ ފްލޯގެ އިތުރު ދެ ފްލޯއެއް ނޮން ރެޒިޑެންޝަން ބޭނުމަށް ޚާއްސަ ކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، އާމްދަނީ ލިބޭނެ ގޮތަކަށް ބޭނުން ކުރުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭއިރު، 'ތޮއްޖެހިގެން' މާލެ ސަރަހައްދުގައި އެތައް އާއިލާ އުޅެއެވެ. އެ އާއިލާތަކުން ގެންގުޅޭ ވެހިކަލްތަކުން މަގުތައް ފުރިފައި އޮންނައިރު، ޕާކު ކުރާނެ ތަނެއް ނޯވެއެވެ.

އޮގަސްޓު 13، 2023ގައި އޭރުގެ އާބަންކޯ ނުވަތަ މިހާރުގެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ، ހުޅުމާލޭގައި މީހުން ދިރިއުޅޭ ގެތައް، 10 ބުރިއަށް އުސްކުރުމުގެ ހުއްދަ ދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ ޢިމާރާތްތައް 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ވަނީ މިދިޔަ އަހަރު ދީފައެވެ.

comment ކޮމެންޓް