ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެހީތެރިވުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އިބްރާހީމް ޚަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިއްމު މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން 600 މިލިއަން ރެންމިންބިން (1.3 ބިލިއަން ރުފިޔާ) ގެ ހިލޭ އެހީ, ޗައިނާއިން ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މުހިއްމު ތިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫއާއި، މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޫއުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތް ތަރައްގީކުރުން ހިމެނެއެވެ.
ޗައިނާ ސަފީރު މިއަދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އެ ގޮތުން ކުރިޔަށްގެންދާ މުހިއްމު މަޝްރޫއުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ސަފީރު ދެއްވިއެެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި ޗައިނާ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.