ޗައިނާގެ އޯޕަން ސޯސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އެއްބާރުލުން ދިނުމުގެ ތަފާތު ފުރުސަތުތަކެއް ފަހިވެފައިވާ ކަމަށް، ޗައިނާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމްގެ ތެރެއިން ސީޖީޓީއެންގެ ނޫސްވެރިޔާ ޒަންގް ޝިޖިއޭއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ސަފީރު ވަނީ ޗައިނާއިން އުފައްދާފައިވާ އޭއައި މޮޑެލްތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބިގެންދާނެ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ހުޅަނގުގެ ގައުމުތަކުން އުފައްދާފައިވާ އޭއައި މޮޑެލްތަކާ ހިލާފަށް، ޗައިނާގެ އޯޕަން ސޯސް މޮޑެލްތަކަކީ އެހެން ގައުމުތަކަށް ފަސޭހައިން ބޭނުންކުރެވޭނެ އަދި އެ ގައުމުތަކުގެ އަމިއްލަ ބޭނުންތަކަށް ބަދަލުގެނެވޭނެ ނިޒާމުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޓެކްނޮލޮޖީ ބަދަލުކުރުމުގެ އިތުރުން، އޭގެ ފަހަތުގައިވާ އިލްމާއި ހުނަރު ވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފަޒީލް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގިނަ ތަރައްގީވަމުން އަންނަ ގައުމުތަކަކީ އަދިވެސް ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއްގެ ގޮތުގައި ތިބި ގައުމުތަކެކެވެ. ނަމަވެސް، މި ހާލަތު ބަދަލުކޮށް، ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއްގެ ބަދަލުގައި، އެ ޓެކްނޮލޮޖީ އުފައްދައި ކުރިއަރުވާ ބަޔަކަށް އެ ގައުމުތައް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، ޓެކްނޮލޮޖީ ޓްރާންސްފާއާއެކު ނޮލެޖް ޓްރާންސްފާ ނުވަތަ އިލްމު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ސަފީރު ވަނީ ތަކުރާރުކުރައްވާފައެވެ. މީގެ ސަބަބުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ގާބިލުކަން އިތުރުވެ، ބޭރުގެ ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުތަކުގެ މެދުގައި މީހުން ގުޅުވައިދިނުމުގައި މީޑިއާ ކަނެކްޓިވިޓީއަކީ ވަރަށް މުހިންމު ފާލަމެއް ކަމަށް ފަޒީލް ސިފަކުރެއްވިއެވެ. އަދި ޗައިނާއިން އުފައްދާފައިވާ މި ގުޅުންތަކުގެ މޮމެންޓަމް ކުރިއަށް ގެންދިއުމަކީ މިހާރު އެންމެ މުހިންމު ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް އިޝާރާތްކުރައްވައި، ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިގުތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތާނގައި ޓެކްނޮލޮޖީގެ ރޮނގުން ވެސް މި ގުޅުން އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. މި އިންޓަވިއު ނިންމަވާލައްވަމުން ސަފީރު ވަނީ ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތައުލީމާއި، ޓެކްނޮލޮޖީ އަދި އޭއައިގެ ދާއިރާއިން ދެ ގައުމުގެ އަމިއްލަ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ގޮވާލައްވާފައެވެ.